ޚަބަރު ސަރުކާރު

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރުމުގެ ޝަރަފުވެރި އިނާމު ލިބިވަޑައިގެންނެވި ޑެޕް ޗީފް ސުޕްރިންޓެންޑެންޓް(ރިޓަޔަރޑް)މުޙައްމަދު އަޙްމަދު ދީދީ.

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުން މިއަދު ބުނީ ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް އެދި ފޯމު ހުށަހެޅޭނީ ހަމައެކަނި "ފޯމު ހުށަހެޅުން" apply.presidency.gov.mv ޕޯޓަލް މެދުވެރިކޮށް އަންނަ އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް ކަމަށެވެ. އަދި މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ 7960844 ނަންބަރު ފޯނަށް ކަމަށެވެ.

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދެނީ ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ މިދިޔަ އަހަރު ތައާރުފު ކުރެއްވި އިނާމެކެވެ. މި އިނާމު ދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވީ ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި އިޚްލާސްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ ގިނަ އަދަދެއްގެ ބޭފުޅުން ތިއްބެވުމާ އެކު, އެ ބޭފުޅުންގެ ޚިދުމަތްތަކަކީ ވެސް ގައުމީ ފެންވަރެއްގައި ބަލައިގަނެ ފާހަގަކުރަން ޖެހޭނެ ކަމެއްކަމަށް ދެކެވަޑައިގެންނެވެ.

މި އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ. މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި، ނުވަތަ ޚިދުމަތްކުރަމުންގެންދާ މީހަކަށް ވާންވާނެއެވެ.

އިނާމު ދިނުމަށް ކަނޑައެޅުމުގައި ޤައުމީ އިނާމާބެހޭ ކޮމިޓީން ބައްލަވާނެ ކަންކަން:

މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ޤާބިލުކަމާއި، ފަރުވާތެރިކަމާއި، އިޚްލާސްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކަށް.

އެ މީހަކަށް ލިބިފައިވާ ގާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ޚާއްސަ މަސައްކަތްތަކަށް.

އަދި އެ މުއައްސަސާއިން ހިންގައިފައިވާ އެކިއެކި ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ ޚިދުމަތް ކޮށްފައިވާ މިންވަރާއި، ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީއަށް.

މި އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!