ޚަބަރު ސަރުކާރު

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހަމަވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

މި އިނާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ، މިދިޔަ ޖޫންމަހުގެ އެއްވަނަ ދުވަހުއެވެ.

މިދިޔަ އަހަރު ތައާރުފުކުރި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދެނީ ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށެވެ.

މި އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ.

މި އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

މި އިނާމަށް އެދި ފޯމު ހުށަހެޅޭނީ ހަމައެކަނި "ފޯމު ހުށަހެޅުން" apply.presidency.gov.mv ޕޯޓަލް މެދުވެރިކޮށް އަންނަ އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!