އިންޑިއާގެ ޑިފެންސް ސެކްރެޓަރީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްއާ ބައްދަލުކުރައްވައިފި
އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ޝްރީ ގިރިދަރް އަރަމާނޭ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ފޮރިން މިނިސްޓްރީގައެވެ.
މި ބައްދަލުކުރެއްވުމުގައި ސްޓޭޓް މިނިސްޓަރ ވަނީ ޑިފެންސް ސެކްރެޓަރީއަށް މަރުޙަބާ ވިދާޅުވެ، ދެޤައުމުގެ ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.
ސްޓޭޓް މިނިސްޓަރ ވަނީ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސަލާމަތާއި ދިފާޢީ ޤާބިލުކަން އިތުރުކުރެއްވުމުގައި އިންޑިޔާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޑިފެންސް ސެކްރެޓަރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިޔާ ކަނޑުގެ ސަރަޙައްދުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ޤާއިމުކުރުމަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވުމުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ސްޓޭޓް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ. ސްޓޭޓް މިނިސްޓަރާއި ޑިފެންސް ސެކްރެޓަރީ ވަނީ ދެ ޤައުމުގެ ދިފާޢީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅަކީ ހަތަރުވަނަ މޯލްޑިވްސް-އިންޑިއާ ޑިފެންސް ކޯޕަރޭޝަން ޑައިލޮގް ބޭއްވުމަށް އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.