އިންޑިއާ-ބަންލަދޭޝްގައި ތެޔޮ ހޮޅިއެއް
އިންޑިޔާ އާއި ބަންގްލަދޭޝް ވަކިކުރާ އިން ހުރަސްކޮށް ތެޔޮހޮޅިއެއް އަޅައި، ރަސްމީކޮށް ހޮނިހިރު ދުވަހު ހުޅުވައިފި އެވެ. ތެޔޮހޮޅި ހުޅުވައި ދެއްވީ ވަރޗުއަލް ރަސްމިއްޔާތެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއެވެ.
އެ ދެ ގައުމު ދެމެދު އެޅުނު ފުރަތަމަ ކްރޮސްބޯޑަރ ފްރެންޑްޝިޕް ޕައިޕްލައިން އެޅުމަށް ގާތްގަނޑަކަށް އިންޑިޔާގެ 377 ކްރޯޑް ރުޕީސް ޚަރަދުކޮށްފައިވެއެވެ. މީގެ ތެރެއިން 285 ކްރޯޑް ޚަރަދުވީ ބަންގްލަދޭޝް އަށް ވީފަޅީގައި ހޮޅިތައް އެޅުމަށް ކަމަށް ވެއެވެ. އަދި މިފައިސާ ގްރާންޓެއްގެ ދަށުން ފޯރުކޮށްދީފައިވަނީ އިންޑިޔާއިންނެވެ.
ތެޔޮހޮޅި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ މި ފްރެންޑްޝިޕް ޕައިޕްލައިނާއެކު ފެށިގެން މިދިޔައީ ދެ ގައުމު ދެމެދު އޮތް ގުޅުންތަކުގެ އައު ބާބެއް ކަމުގައެވެ. ޝެއިޚް ހަސީނާގެ ހިންގުންތެރި ވެރިކަމުގެ ދަށުން ކުރު މުއްދަތެއްގެ ތެރޭގައި ބަންގްލަދޭޝް އަށް ވަރަށް ބޮޑު ކުރިއެރުން އައިސްފައިވާ ކަމަށް މޯދީ ވިދާޅުވިއެވެ. މިއީ އިންޑިޔާގެ ކޮންމެ ރައްޔިތަކު ވެސް އުފަލާއެކު ފާހަގަ ކުރާ ކަމެއްކަމަށާއި ބަންގްލަދޭޝްގެ ތަރައްޤީގެ ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު އިންޑިޔާއަށް ލިބުނުކަމީ އުފާކުރައްވާ ކަމެއްކަމަށް މޯދީ ވިދާޅުވިއެވެ.
ތެޔޮ ހޮޅި ހުޅުވިގެން ދިޔައީ ބަންގްލަދޭޝްގެ ފުރަތަމަ ބާނީ އަދި ޝެއިޚް ހަސީނާގެ ބައްޕާފުޅު ޝެއިޚް މުޖީބުއްރަޙުމާންގެ އުފަން މީލާދުގެ އެއް ދުވަސް ފަހުންކަން ފާހަގަކުރައްވަމުން ނަރެންދުރަ މޯދީ ވިދާޅުވީ އެ ތާރީޚާ ދިމާކޮށް މިފަދަ ބިޔަ ޖޮއިންޓް ޕްރޮޖެކްޓެއް ގާއިމުވެގެން ދިއުމަކީ މުޖީބުއްރަޙުމާން ގެންގުޅުއްވި ޝޮނަރަ ބަންގްލާ ވިޝަންގެ ފުރިހަމަ ނަމޫނާއެއް ކަމުގައެވެ.
މި ހޮޅީގެ ސަބަބުން ޚަރަދު ކުޑަކޮށް އަދި ތިމާވެއްޓަށް ވެސް ރައްކާތެރި، އިތުބާރު ހުރި ގޮތެއްގައި އިންޑިޔާއިން ބަންގްލަދޭޝް އަށް ޑީސަލް ފޯރު ކޮށްދިނުމަށް މަގު ފަހިވެގެން ހިނގައްޖެ ކަމަށާއި މިކަމުގެ ސަބަބުން އެނަރޖީ ސެކިއުރިޓީގެ ދާއިރާއިން ދެ ގައުމު ދެމެދު އެއްބާރުލުން ވަރަށް ބޮޑަށް އިތުރު ވެގެން ހިނގައްޖެ ކަމަށް އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާސްގެ ބަޔާނެއްގައި ބުނެފައި ވެއެވެ.
އަލަށް އެޅި ކްރޮސް ބޯޑަރު ތެޔޮހޮޅިން އަހަރަކު އެއް މިލިއަން މެޓްރިކް ޓަނުގެ ޑީސަލް ހައިސްޕީޑްކޮށް އިންޑިޔާއިން ބަންގްލަދޭޝް އަށް ފޯރު ކޮށްދޭނެއެވެ. މި ނިޒާމާ އަދި ގުޅާލާފައިވަނީ ބަންގްލަދޭޝްގެ އުތުރުގެ ހަތް ޑިސްޓްރިކްޓެކެވެ.