ޚަބަރު

ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރަން ގޮވައިލައި މަޖިލީހަށް ޤަރާރެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބާޒާރުގައި ބައެއް ތަކެތީގެ އަގުތައް އުފުލިފައިވާތީ، ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވައިލައި ޤަރާރެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

Ads by Sosun Fihaara

މި ޤަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ، މި ޤަރާރު ތަޢާރަފު ކުރުމެވެ.

އާދަމް ޝަރީފު ހުށަހެޅުއްވި ޤަރާރުގައި ވަނީ، ޓެކްސްގެ ނިޒާމަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން މުދަލާއި ޚިދުމަތުގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުންނަށް ގިނަދަތިތަކާއި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށާއި، ޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން، ދިވެހިން ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި މުދަލާއި ޚދުމަތުގެ އަގު މިދިޔަ ޖެނުއަރީ މަހުން ފެށިގެން ހަތް ޕަސަންޓު ބޮޑުވެފައިވާ ކަމަށެވެއަ.

ދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި 75 ޕަސަންޓަށް އިންފްލޭޝަން އުފުލިފައިވާކަން ޤަރާރުގައި ވަނީ ފާހަގަކުރައްވައިފައެވެ.

އޭގެއިތުރުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އަގުތައް 4.3 އިންސައްތައަށް ބޮޑުވެފައިވާކަން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވާ ކަމަށް ޤަރާރުގައިވެއެވެ.

އަދި ދިވެހިން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ކުރިއަށްވުރެ ބޮޑުވަމުންދާއިރު އާމްދަނީ އިތުރު ކުރެވޭނެ މަގުތަކެއް ފެންނަން ނެތް ކަމަށް ވެސް އެ ޤަރާރުގައި ފާހަގަކުރެއްވިއެވެ.

އެހެންކަމުން ޖީއެސްޓީ އަލުން މުރާޖަޢާކޮށް ރޯދަމަހަށް ބާޒާރުގެ އަގުތައް ރައްޔިތުންގެ އަތްފޯރާފަށުގައި ހިފެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މި ޤަރާރުގައި ސަރުކާރަށް ވަނީ ގޮވައިލައިފައެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!