ދުނިޔެ

އަފްގާނުގައި ދިރާސީ އައު އަހަރު ފެށީ އަންހެން ކުދިން ކިޔެވުމަށް ފުރުސަތު ނުދީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ދިރާސީ އާ އަހަރަށް އަފްޣާނިސްތާނުގެ ސްކޫލްތައް އަލުން ހުޅުވާލި ނަމަވެސް، ތާލިބާނުންގެ ކަމާބެހޭ ފަރާތްތަކުން ސެކަންޑަރީ ސްކޫލަށް ހާޒިރުވުން މަނާކުރުމުން އެތައް ހާސް ޓީނޭޖް އަންހެން ކުދިންތަކަކަށް ކްލާސްތަކަށް ވަނުން ވަނީ މަނާކޮށްފަ އެވެ.

Ads by Sosun Fihaara

އެޑިއުކޭޝަން މިނިސްޓަރު ހަބީބުالله އާގާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގްރޭޑް ހަތަރަކާ ހަމައަށް ސްކޫލްތައް "މިހާރު އަންހެން ކުދިންނަށް ހުޅުވާލާނެ" ކަމަށެވެ.

މަދްރަސާތައް ނުވަތަ އިސްލާމީ މަދަރުސާތަކަކީ ހުރިހާ އުމުރުފުރައެއްގެ އަންހެން ކުދިންނަށް ހުޅުވާލެވުނު ހަމައެކަނި ތަޢުލީމީ މަރުކަޒުތަކެވެ. ކާބުލްގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ ޔަލްދާ އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ އެ މަދްރަސާއަކީ ދީނުގެ ޢިލްމު އިތުރުކުރުމަށް ރަނގަޅު މަދްރަސާއެއް ކަމަށެވެ.

އެކަމަކު "މަދްރަސާއިން އަޅުގަނޑަށް ޑޮކްޓަރަކަށް ވުމަށް އެހީއެއް ނުވެވޭނެ، އެއީ ސްކޫލުގައި ކުރާ ކަމެއް ކަމަށްވާތީ" އެކަމަނާ ވިދާޅުވި އެވެ.

ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ސާރާ ބުނީ ސްކޫލުތައް "ކޮންމެ ވަގުތަކު ވެސް" ހުޅުވުމުގެ ހުވަފެން ދެކެމުން އަންނަ ކަމަށެވެ.

"ކޮންމެވެސް ދުވަހަކުން ސްކޫލްތައް ހުޅުވައިގެން އަޅުގަނޑުގެ ކިޔެވުން އިތުރަށް ކުރިއަރާނެ ކަމަށް ވެދާނެ. ދުވަހަކުވެސް އުއްމީދު ކަނޑާނުލާނަން" އަރްސަލް ބުނެލިއެވެ.

ކުރީގެ ސަރުކާރުތަކަށް ތާއީދުކުރާ އެމެރިކާ އިސްވެ އޮވެ ބޭރުގެ ބާރުތައް ފޭބުމާ އެކު 2021 ވަނަ އަހަރުގެ އޮގަސްޓް މަހު އަލުން ވެރިކަމަށް އައުމަށްފަހު ތާލިބާނުންގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިސްލާމްދީނުގެ މާނަ ވަރަށް ހަރުކަށިކޮށް ދީފަ އެވެ.

އަންހެން ކުދިންގެ ސާނަވީ ތައުލީމު ދިނުން މަނާކުރަން މިދިޔަ އަހަރުގެ މާޗް މަހު އަމަލުކުރަން ފެށީ އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތައް ހުޅުވާލިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ. މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އެއްވެސް ގައުމަކުން އަންހެނުންގެ ތައުލީމު ދިނުން މަނާކޮށްފައެއް ނުވެއެވެ.

މިދިޔަ ޑިސެމްބަރު މަހު އަންހެނުންނަށް ޔުނިވާސިޓީ ތައުލީމު ދިނުން ވެސް މަނާކުރި ތާލިބާން ލީޑަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އިސްލާމީ އުސޫލުން ސިލަބަސް ރީމޮޑެލް ކުރުން ފަދަ "ޝަރުތުތައް" ހަމަވުމުން އަންހެން ކުދިންނަށް ސެކަންޑަރީ ސްކޫލްތައް ހުޅުވާނެ ކަމަށެވެ.

ތާލިބާނުންގެ އޮފިޝަލުން ވަނީ "ރައްކާތެރި މާހައުލެއް" ނެތުމުގެ ސަބަބުން ސްކޫލުތައް މަނާކުރުމާއި އަންހެނުންގެ މިނިވަންކަމަށް ހުރަސް އެޅުން ޖަސްޓިފައިކޮށްފަ އެވެ. ނަމަވެސް ތާލިބާނުންގެ ބައެއް އިސް ވެރިން ވިދާޅުވީ އިސްލާމް ދީނުގައި އަންހެނުންނަށް ތައުލީމާއި މަސައްކަތުގެ ހައްގުތައް ދީފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!