ރެސިޕީ

ދެން ރެސިޕީ | ބަޓަރ ޗިކަން

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

500 ގްރާމް ބޯންލަސް ޗިކަން

Ads by Sosun Fihaara

½ ޖޯޑު ޕްލެއިން ޔޯގަޓް

¾ ޖޯޑު ކާށި ކިރު

2 މޭޒުމަތީ ސަމުސާ ބަޓަރު

1 ފިޔާ

4 ލޮނުމެދު

7 ކާފުރުތޮޅި

1 ސައިސަމުސާ ގަރަމް މަސާލާ

2 ސައިސަމުސާ ކޮތަންބިރި

2 ސައިސަމުސާ ދިރި

1 ސައިސަމުސާ ތެޅިމިރުސް (ނޫނީ ބޭނުން ވަރަކަށް)

2 ސައިސަމުސާ ތަންދޫރީ މަސާލާ

½ ޖޯޑު ޓޮމާޓޯ ޕިޔުރީ

3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް

2 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

2 މޭޒުމަތީ ސަމުސާ ތެޔޮ

1 މޭޒުމަތީ ސަމުސާ ހަކުރު

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ކުކުޅު ކޮށާށެވެ. ކޮށާނީ ކުޅިމަހަށް ކަނޑުމަސް އާއްމުކޮށް ކޮށާ ސައިޒަށެވެ. ބޮޑު ބޯތައްޓެއްގައި ލޮނާއި ދިރިއާއި ކޮތަންބިރިއާއި ގަރަމް މަސާލާއާއި ތެޅިމިރުހާއި ޔޯގަރޓް އެއްކުރާށެވެ. ދެން އޭގެ ތެރެއަށް ކުކުޅުކޮޅު އަޅާލާ ރަނގަޅަށް އެއްކުރުމަށްފަހު މަތިޖަހާފައި ބަހައްޓާށެވެ. މިގޮތަށް ގިނައިރު ބަހައްޓަން ބޭނުންވާނަމަ ފްރިޖްގައި ބަހައްޓާށެވެ.

ފިޔާ ތުނިކޮށް ކޮށާށެވެ. އަދި ލޮނުމެދުތައް ޗަސްކޮށްލާ ކާފޫރުތޮޅިކޮޅުގެ ކޮޅުތައް ކަނޑާލާށެވެ. ބޮޑު ތެއްޔެއްގައި ބަޓަރާއި ތެޔޮކޮޅު އެކުގައި ހޫނު ކުރާށެވެ. ގިނި މެދުމިނެއްގައި ބަހައްޓާފައި އެއަށް ފިޔަޔާއި ކާފޫރު ތޮޅިކޮޅު އަޅާލުމަށްފަހު ފިޔާކޮޅު ރަތްވާން ފަށަންދެން މީރު ކުރާށެވެ.

ދެން ލޮނުމެދުކޮޅު އަޅާލާފައި އެއްކޮށްލުމަށްފަހު 30 ވަރަކަށް ސިކުންތު ބަހައްޓާލާށެވެ. ދެން ތަންދޫރީ ހަވާދު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ހަވާދުގެ ވަސްދުވަން ފެށުމުން ޓޮމާޓޯ ޕިޔުރީ، ޓޯމާޓޯ ކެޗަޕް، ކުކުޅު އަދި ހަކުރުކޮޅު ތެއްޔަށް އަޅާލައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.

ދެން ކާށިކިރުކޮޅުވެސް އަޅާލާ އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ. ތެލީގައި މަތިޖަހައި ގިނި މަޑު ކުރުމަށްފަހު 20-30 މިނެޓުވަންދެން އުނދުން މަތީގައި ބަހައްޓާށެވެ.

އުނދުން ނިވާލުމުގެ ކުރިން ލޮނު ހެޔޮވަރުކޮށް، ބޭނުންވަރަށް ކުޅި ރަހަ ލާތޯ ޗެކްކުރާށެވެ .ޓޮމާޓޯ ޕިޔުރީއާއި ހެދި މާބޮޑަށް ރިހަގަނޑުގައި ހުތްރަހަ ލާހެން ހީވެއްޖެނަމަ ހަކުރުކޮޅެއް އަޅާލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!