ހިޔާ ޓަވަރުތަކުން ކަރަންޓް ކެނޑުނު ސަބަބު ދެނެގަނެވިއްޖެ، މަސައްކަތަށް 3 ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވޭ: ސްޓެލްކޯ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތައް ހިމެނޭ 8 ޓަވަރަކުން ކަރަންޓު ކެނޑުނު ސަބަބު ދެނެގަނެވިފައިވާ ކަމަށާއި އެކަމުގެ މަސައްކަތަށް 3 ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މުވައްޒަފުން ކުރަމުންދާ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
އަދި ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން މެދުވެރިވި، ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސުވިޗްގިއަރ ބަދަލު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި މި މަސައްކަތަށް 3 ގަޑި އިރު ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.