އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހުޅުމާލޭގައި ހެދި ޕާކު ހުޅުވައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސީއެސްއާރުު ޓީމުން ހުޅުމާލޭގައި ހެދި ޕާކު ހުޅުވައިފިއެވެ.
އެ ޕާކު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވާދެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުއެވެ. އަދި އެ ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ އަހުމަދު އާތިފާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ޕާކު ހުޅުވާފައިވަނީ ފުލެޓް ނަމްބަރު 704 ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލް ފަހަތުގައެވެ.
އެޗްޑީސީން ވިދާޅުވީ ދިވެހި ތާރީހު ދައްކުވައިދޭ ތަފާތު ކުރެހުންތަކާއެކު ހަދާފައިވާ އެ ޕާކުގެ އެންމެ ހާއްސަކަމަކީ ކާބަފައިންގެ ޒަމާން ތަޖުރިބާ ކޮށްލެވޭ ގޮތަށް ހަދާފައިވާ ހޮޅުއަށި ކަމަށެވެ.
މީގެ އިތުރުން ކުޑަކުދިން ކުޅެން ހާއްސަކޮށްފައިވާ މިނީ ފުޓްސަލް ދަނޑެއްވެސް އެ ޕާކުގައި ވަނީ ހަދާފައެވެ.