ދުނިޔެ

ޗައިނާގެ އަސްކަރީ އުޅަނދުތައް ޓައިވާނުގެ ސަރަހައްދަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް ތައިވާނުގެ ސަރަޙައްދަށް ވަންނަން ފަށާފައިވާ ކަމުގައި ތައިވާނުން ބުނެފިއެވެ. ޗައިނާގެ އަސްކަރީ އުޅަނދު ފަހަރު ތައިވާނު ކައިރިއަށް ޖަމާވެފައި މި ވަނީ އެ ޤައުމުން ފަށާފައިވާ އަސްކަރީ ތަމްރީނުތަކެއްގެ ދަށުންނެވެ. މި ތަމްރީނުތައް ތިން ދުވަހަށް ކުރިއަށްގެންދާނެ ކަން ޗައިނާއިން ވަނީ އިޢުލާނުކޮށްފައެވެ.

Ads by Sosun Fihaara

ތައިވާން ސްޓްރެއިޓްސް ނުވަތަ ތައިވާނުގެ ކަނޑުގެ ސަރަޙައްދު ކައިރީގައި ޗައިނާގެ އަސްކަރީ މަނަވަރުތަކުގެ މައްޗަށް އެކުލެވިގެންވާ ލަޝްކަރެއް ވެސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރެއް ވެސް ހިމެނެއެވެ. މި ފަދަ ތަމްރީނުތަކެއް ހިންގާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފައެވެ.

ޗައިނާގެ އަސްކަރީ ތަމްރީނުތައް ފަށާފައި މި ވަނީ ތައިވާނުގެ ރައީސް ސައި އިންގް-ވެން އެމެރިކާއަށް ވަޑައިގަންނަވައި، އެ ޤައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީއާ ބައްދަލުކުރެއްވުމާ ގުޅިގެން، އެ ކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ. އެ ބައްދަލުވުން ނުބޭއްވުމަށް ޗައިނާއިން ވަނީ ގޮވައިލާފައެވެ. އަދި، އެ ދެ ބޭފުޅުން ބައްދަލުކުރައްވައިފި ނަމަ އެ ކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެ ވެސް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ.

ތައިވާނުން ބުނީ މީޑިޔަން ލައިން ނުވަތަ ދެ ޤައުމުގެ ދެމެދުގައި އޮންނަ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޗައިނާގެ 42 އަސްކަރީ މަތިންދާބޯޓު އެ ޤައުމުގެ ސަރަޙައްދަށް އެތެރެވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި "ޖޭ-10،" "ޖޭ-11،" އަދި "ޖޭ-16" މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ހިމެނޭ ކަމުގައި ތައިވާނުން ބުނެއެވެ. ޗައިނާގެ އަށް މަނަވަރެއް ވެސް ތައިވާނުގެ ސަރަޙައްދަށް ވަން ކަމުގައި އެ ޤައުމުން ބުނެއެވެ.

ތައިވާނަކީ ޑިމޮކުރަސީގެ ހަމަތަކާއި އަސާސްތަކުގެ މަތިން ވެރިކަން ކުރަމުންދާ ޤައުމެކެވެ. އަމިއްލަ ޤާނޫނު ހަދާ މަޖިލީހަކާއި އަސްކަރިއްޔާއަށް އޮތް ޤައުމެކެވެ. ނަމަވެސް، ތައިވާނަކީ ޗައިނާގެ ސަރަޙައްދެއް ކަމުގައި އެ ޤައުމުން ގަބޫލުކުރެއެވެ. އަދި، ކޮންމެ ދުވަހަކުން ތައިވާނު ހިފާނެ ކަމަށް ބުނެ ޗައިނާއިން ދަނީ އިންޒާރުދެމުންނެވެ.

ތައިވާން ވަށައިގެންވާ ކަނޑުގެ ސަރަޙައްދުގައި ޗައިނާއިން ފަށާފައިވާ އަސްކަރީ ތަމްރީނުތަކަށް ދީފައިވާ ނަމަކީ "ޖޮއިންޓް ސޯޑް"އެވެ. "މިއީ މިނިވަންކަމަށް ވަކާލާތު ކުރަމުންދާ ތައިވާނަށް ދޭ ވަރުގަދަ އިންޒާރެއް. އަދި، އެ ކަމަށް ހިތްވަރުދޭ ބޭރުގެ ޤައުމުތަކަށް ވެސް ދޭ އިންޒާރެއް. މިއީ، ޗައިނާގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް މުހިންމު އަސްކަރީ ތަމްރީނުތަކެއް،" ޗައިނާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ހުސްވި 2022 ވަނަ އަހަރުގެ އޮގަސްޓު މަހު އެމެރިކާގެ ހައުސްގެ ކުރީގެ ރައީސާ ނެންސީ ޕެލޯސީ ތައިވާނަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެން ވެސް ޗައިނާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، ތައިވާނު ވަށައިގެންވާ ކަނޑުގެ ސަރަޙައްދަށް އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް ފޮނުވައި، ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!