ދުނިޔެ

އެމެރިކާއާއެކު އަބަދުވެސް ގުޅުން ބާއްވާނަން: ޓައިވާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން ފިއްތުންތައް ކުރިމަތިކުރަމުންދިޔަ ނަމަވެސް ތައިވާނާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ކަނޑައިލެވެން ނެތް ކަމުގައި ތައިވާނުގެ ރައީސް ސައި އިންގް-ވެން ވިދާޅުވެއްޖެއެވެ. ކަންކަމުގައި ތައިވާނާ ޚިޔާލު އެއް ގޮތް ޤައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން އެހެން ޤައުމުތައް ވެސް ހިމެނޭ ކަމަށާއި، އެ ޤައުމުތަކާ އެކު ވެސް ގުޅުން ބަދަހިކުރުން ހުއްޓައިނުލާނެ ކަމުގައި ސައި ވިދާޅުވިއެވެ.

Ads by Sosun Fihaara

އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، ދެކުނު އެމެރިކާގެ ދެ ޤައުމަކަށް ސައި ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން އެމެރިކާގައި ޓްރާންސިޓް ކުރައްވައި، އެ ޤައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީއާ އޭނާ ބައްދަލުކުރެއްވުމުން ޗައިނާއިން ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ސައިއާއި މެކާތީގެ ބައްދަލުވުން ބާއްވާފައި ވަނީ، ޗައިނާގެ އިންޒާރުތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހުއެވެ.

ނަމަވެސް، ޗައިނާއިން ވަނީ އެ ޤައުމުން ދީފައިވާ އިންޒާރުތަކާ އެއްގޮތަށް، ތައިވާނު ކައިރީގައިވާ ކަނޑާއި ވައިގެ ސަރަޙައްދަށް އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް ފޮނުވައިގެން އަސްކަރީ ތަމްރީނުތަކެއް ފަށާފައެވެ. މި ތަމްރީނުތަކުގައި ލައިވް ވަޒަން ވެސް ދަނީ ބޭނުން ކުރަމުންނެވެ. މިއީ، ތައިވާނަށް ބިރުދައްކައި، ފުރައްސާރަކުރުމުގެ ގޮތުން ޗައިނާއިން ހިންގަމުންދާ ތަމްރީނުތަކެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޗައިނާގެ އަސްކަރީ ތަމްރީނުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވަމުން ސައި ވިދާޅުވީ، ތައިވާނުގެ މިނިވަންކަމަށް އަރައިގަނެ، އިސްތިއުމާރީ ބާރެއްގެ ގޮތުގައި ޗައިނާއިން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އެ ޤައުމުގެ އަސްކަރީ ބާރުވެރިކަން ފުޅާކޮށް، ނުފޫޒު ފަތުރަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ސައި ވިދާޅުވިއެވެ.

"އެމެރިކާ ފަދަ އެހެން ޤައުމުތަކާ ތައިވާނުން ގުޅުން ބަދަހިކުރަނީ ވަރަށް މުހިންމު މަޤުޞަދެއްގައި. އެއީ ތައިވާނުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކުރުން. އަދި، ޑިމޮކުރަސީ ދެމެހެއްޓުން. އެ މަސައްކަތްތައް ހުއްޓައެއް ނުލެވޭނެ،" ސައި ވިދާޅުވިއެވެ.

ސައި އެމެރިކާއަށް ކުރެއްވި ދަތުރުފުޅާ މެދު ނުރުހުންވެ ޗައިނާއިން ފަށާފައިވާ އަސްކަރީ ތަމްރީނުތަކުގައި ގިނަ ޢަދަދެއްގެ އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓުތަކުން ދަނީ ބައިވެރިވަމުންނެވެ. ތަމްރީނުތަކުގެ ތެރެއިން ޗައިނާގެ އަސްކަރީ އުޅަނދުފަހަރު ވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ތައިވާނުގެ ކަނޑާއި ވައިގެ ސަރަޙައްދަށް އެތެރެވެފައެވެ. މި ތަމްރީނުތައް ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެ ކަމުގައި ޗައިނާއިން ބުނެއެވެ.

ތައިވާނުގެ އިތުރުން އެމެރިކާއިން ވެސް ވަނީ ޗައިނާގެ އަސްކަރީ ތަމްރީނުތައް ކުށްވެރިކޮށްފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ސައި އެމެރިކާއަށް ކުރެއްވި ދަތުރުފުޅަކީ، ޗައިނާއާއި ތައިވާނާ ދެމެދު އޮތް ހާލަތު ބަދަލުކުރަން ޖެހޭ ފަދަ ކުށެއް ނޫން ކަމުގައެވެ.

އެމެރިކާއިން ތައިވާނަށް ހަތިޔާރު ފޯރުކޮށްދީފައިވީ ނަމަވެސް، ޗައިނާއިން ތައިވާނަށް ހަމަލާއެއްދީފި ނަމަ، ނުވަތަ ތައިވާން ހިފަން މަސައްކަތްކޮށްފި ނަމަ، އެ ކަން ހުއްޓުވައި ތައިވާނު ދިފާޢުކުރަން އެމެރިކާއަށް ކޮށްދެވޭނެ ގިނަ ކަންތައްތަކެއް ނޯންނާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!