ޚަބަރު އިޖުތިމާޢީ

އިސްލާމްދީނުގެ މަޤުބޫލުކަން އިތުރުވަމުންދަނީ މި ދީނަކީ ޙައްޤުގެ ދީނަށް ވާތީ : ޑރ. ޢަލީ ޒާހިރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަމުންދަނީ މި ދީނަކީ ޙައްޤުގެދީނަށް ވާތީ ކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ. ޢަލީ ޒާހިރު މިހެން ވިދާޅުވީ ”އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަނީ ކީއްވެ؟” މި މައުޟޫޢަށް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

އިޙްޔާ ފޯރަމްތަކުގެ 11 ވަނަ ފޯރަމްގައި ތަޤްރީރުކުރައްވާފައިވަނީ ޑރ. ޢަލީ ޒާހިރާއި އައްޝައިޚް ނަޞްރުﷲ ޢަލީއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. ޢަލީ ޒާހިރު ވިދާޅުވީ އިންސާނުންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހާގެ ފިޠުރަތު ނިޔާކުރާގޮތުން ދީނަކަށް ބޭނުންވާކަމަށެވެ. އެނޫން ގޮތަކަށް އުޅޭނަމަ ވަރަށް ބޮޑެތި މައްސަލަތަކެއް ދިމާވާނެކަމަށާއި ދީނެއް ނެތި މީހާ އުޅެންފަށައިފިނަމަ ހެވާއި ނުބައި، ޙައްޤާއި ބާތިލް ވަކިނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

މާތްﷲގެ ވަޙީ ބަސްފުޅަށް ބައްލަވަމުން، އިސްލާމްދީން ފިޔަވާ އެހެން ދީނެއް ހޯދައިގެންފި މީހާގެ ކިބައިން ހަމަހިލާ އެކަން ޤަބޫލު ނުކުރައްވާނެކަމަށާއި މާތްﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީންކަމަށް ވިދާޅުވިއެވެ.

ބައެއް މީހުން ދީން ޤަބޫލު ނުކުރާކަމަށް ދައްކާ ވާހަކަތަކަށް ބައްލަވަމުން ޑރ. ޢަލީ ޒާހިރު ވިދާޅުވީ އެފަދަ މީހުން އެ ހަދަނީ ދޮގުކަމަށެވެ. ސަބަބަކީ ކޮންމެ މީހަކީވެސް ރުހުމުގައިވެސް، އަދި ނުރުހުމުގައިވެސް ކޮންމެވެސް ދީނަކަށް ތަބަޢަވާ މީހަކަށް ވާތީކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށް މާތްﷲ ލައްވަވާފައިވާ ދީނަކީ އިސްލާމްދީންކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ޢަލީ ޒާހިރުވަނީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ހަދާފައިވާ ދިރާސާތަކަށްވެސް މި ފޯރަމްގައި ބައްލަވާލައްވާފައެވެ. އެގޮތުން ޣައިރު މުސްލިމުންގެ ބަޔަކު،  2015 އިން 2060 ވަނަ އަހަރަށް ދުނިޔޭގެ އާބާދީއާއި ގުޅޭގޮތުން ހަދާފައިވާ ދިރާސާއަށް ބައްލަވަމުން، އެ ދިރާސާގައި ހުރިހާ ދީންތަކެއްގެ މައްޗަށް ކުރިހޯދާނެ ދީނަކީ އިސްލާމްދީންކަމަށް ފާހަގަކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މިފަދައިން އިސްލާމްދީން ކުރި ހޯދަމުންދަނީ، އިސްލާމްދީން މިހާ ބާރުމިނެއްގައި ފެތުރެމުންދަނީ، މި ދީން މީހުންނަށް މިހާ މަޤްބޫލުދީނަކަށް ވެގެންދަނީ މިއީ ޙައްޤުގެ ދީންކަމުގައިވާތީއާއި މި ދީނުގައިވާ ލުއިފަސޭހަކަމާއި، ހަމަހަމަކަމާއި، މިއީ އުންމީދު ގެނެސްދޭ ދީނަކަށްވާތީއާއި، އިޖުތިމާޢީ، ދީނީ ރޫހުއާލާވާ، ޢަދުލުވެރި ދީނަކަށް ވާތީކަމަށް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!