ޖަޕާނުން ޗައިނާއެކު މަޝްވަރާގެ މޭޗަށް
އީސްޓް ޗައިނާ ކަނޑުގެ ސަލާމަތާ ގުޅޭ މަޝްވަރާތައް ޗައިނާ އަދި ޖަޕާންގެ އޮފިޝަލުން ކުރައްވައިފިއެވެ.
މިމަޝްވަރާތައް ކުރެއްވުމަށް ޗައިނާ އަދި ޖަޕާންގެ އޮފިޝަލުން ބައްދަލުކުރައްވާފައި ވަނީ ހޯމަ ދުވަހުއެވެ.
ޗައިނާ އާއި ޖަޕާނާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައި މިވަނީ ޓައިވާންގެ ރައީސް ސައި އިންގްވެން އެމެރިކާއަށް ވަޑައިގެން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ކެވިން މެކާތީ އާ ބައްދަލުކުރެއްވުމާ ގުޅިގެން ޗައިނާއިން ޓައިވާން ސަރަހައްދުގައި ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތަކުގެ ސަބަބުން އެސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.
ޗައިނާ އާއި ޖަޕާނާ ދެމެދު އީސްޓް ޗައިނާ ކަނޑުގެ ސަލާމަތާ ގުޅޭ މަޝްވަރާތައް ފަށާއިފައި ވަނީ 2012 ވަނަ އަހަރުއެވެ.
ޖަޕާން ސަރުކާރުގެ އިސް ތަރުޖަމާނަކު ވަނީ ޗައިނާއިން ޓައިވާން ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް އެގައުމުން ވަރަށް ގާތުން ބަލަމުން ގެންދާކަމަށް ވިދާޅުވެފައެވެ.
އެގޮތުން ޖަޕާންގެ ޗީފް ކެބިނެޓް ސެކްރެޓަރީ ހިރޮކަޒު މަޓްސުނޯ ވަނީ ޓައިވާން ސްޓްރެއިޓްގައި އަމާންކަން ގާއިމުކުރުމަކީ މުޅި ސަރަހައްދާ ބައިނަލްއަގުވާމީ ހަމަޖެހުމަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.
މިމަޝްވަރާ ބައްދަލުވުމުގައި ޗައިނާގެ އޮފިޝަލުންގެ ވަފުދުގެ އެންމެ އިސް ދައުރެއް އަދާކުރެއްވީ ޗައިނާގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ބައުންޑަރީ އެންޑް އޯޝަން އެފެއަރޒް، ހޮންގް ލިއަންގް އެވެ. އަދަ ޖަޕާން ވަފުދުގެ އެންމެ އިސް ދައުރެއް އަދާކުރެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް އޭޝިއަން އެން އޯޝޭނިއަން އެފެއަރޒް، ޓަކެހިރޯ ފުނަކޮޝިއެވެ.