ޚަބަރު އިޖުތިމާޢީ

ބަސް ދަތުރުތަކަށް ދަތި ނުވާނެހެން އަމަލުތައް ބެހެއްޓުމަށް އެމްޓީސީސީން އިލްތިމާސް ކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބަސް ދަތުރުތަކަށް ދަތި ނުވާނޭހެން އެންމެންގެ ޢަމަލުތައް ބެހެއްޓުމަށް އެމްޓީސީސީން އިލްތިމާސްކޮށްފިއެވެ.

Ads by Sosun Fihaara

އެމްޓީސީސީން މިއަދު ބުނީ އެކުންފުނިން ފޯރުކޮށްދެމުންދާ ބަހުގެ ޚިދުމަތަކީ ދުވާލެއްގެ މައްޗައް އެތައް ސަތޭކަ ރައްޔިތުންނެއް ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ މުހިންމު ޚިދުމަތެއްކަމަށެވެ.

"ހަމައެހެންމެ މިހިދުމަތަކީ ދަރިވަރުން ސުކޫލަށް ދިޔުމަށާއި ވަޒީފާއަށްދާ ފަރާތްތައް ޑިއުޓީއަށް ދިޔުމަށާއި އެއާޕޯޓް، ހޮސްޕިޓަލުން އަދި ގްރޭޓަރ މާލޭގެ އަވަށްތަކުގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދިޔުމަށް ރައްޔިތުން މިއަދު ވަރަށް ބޮޑަށް ބަރޯސާވާ ހިދުމަތެކެވެ" އެމްޓީސީސީން ބުނެފައިވެއެވެ.

އެމްޓީސީސީން މިއަދު ބުނީ ބައެއް ފަރާތްތަކުގެ ޢަމަލުތައް ހުންނަ ގޮތުން ބަހުގެ ދަތުރުތައް ޝެޑިއުލްއާއި އެއްގޮތަށް ކުރުމަށް އެކުންފުނީގެ މުވައްޒަފުންނަަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނަކަމަށެވެ.

އެމްޓީސީސިން މިހެން ބުނެފައިވަނީ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަމުން އަންނަ އިހްތިޖާޖުތަކުގައި ޕަބްލިކް ޓްރާންސްޕޯޓަށް ބޭނުން ކުރ ބަސްތަކުގެ ކުރިމައްޗައް އަރައި ބަސްތައް ކުރިއަށް ދިޔަ ނުދީ ހިފަހައްޓާއިގެން ތިބި ވީޑިއޯއެއް ޝޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޝޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ އިދިކޮޅު އިޙްތިޖާޖުގެ ބައިވެރިއެއް ބަހުގެ ކުރިމަތީގައި ހުއްޓި ބަސް ކުރިއަށް ދިޔަ ނުދީ ހުންނަ މަންޒަރެވެ. އަދި އިރުކޮޅެއްފަހުން އިޙްތިޖާޖްގެ އިތުރު ބައިވެރިއަކު ގޮސް އެމީހާއާއި ބައިވެރިވެ ބަހުގެ ކުރިމަތީ ހުންނަ މަންޒަރުވެސް މި ވީޑިއޯއިން ދަނީ ފެނިގެންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!