ރިޕޯޓް

ކެޔޮނިރު: ކޮވީޑް-19 އާ ގުޅިގެން އަޅަން ޖެހޭ އުނދަގޫ ފިޔަވަޅުތައް!

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ވެރިޔާ ޑރ.ޓެޑްރޯސް ގެބްރޭސަސް ވިދާޅުވެފައިވާ ގޮތުގައި ދުނިޔެއަށް ދިމާވެފައިވާ ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމަކީ އިންސާނިއްޔަތު މިހާތަނަށް ތަޖުރިބާކޮށްފައި ނުވާ ވަރުގެ ތަފާތު ބަލިމަޑުކަމެކެވެ. ނޭވާލާ ނިޒާމަށް ޖެހޭ ވައިރަސްއެއް މުޅި މުޖުތަމައުއަށް އެއްފަހަރާ ފެތުރޭގޮތަށް މީގެކުރިން ދުނިޔެ ތަޖުރިބާކޮށްފައި ނުވާކަމަށް ޑރ.ޓެޑްރޯސް މާރޗް 2 ވަނަ ދުވަހު ޓްވީޓް ކުރައްވާފައި ވެއެވެ. މިއީ އާދައިގެ ބައްޔެއް ނޫނެވެ. މިއީ ފެތުރޭ ބާރުމިނަށް ބަލާއިރު ސާސް ވައިރަސްއަށް ވުރެވެސް ނުރައްކާތެރި ވައިރަސް އެކެވެ.

Ads by Sosun Fihaara

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 ގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސޯދު އެދަނީ މަޑުމަޑުން ކުޑަކަކޫ މައްޗަށް ތިރިވަމުންނެވެ. އޮސްޓްރޭލިއާގެ ދަނޭޝަނަލް ނޫހުން މާރޗް 1 ވަނަ ދުވަހު ރިޕޯރޓްކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއްލައްކަ މުއައްޒަފުން ގެންގުޅޭ އެމިރޭޓްސް އެއާލައިނުން ވަނީ އެ އެއާލައިންގެ މުއައްޒަފުންގެ ތެރެއިން ނޯޕޭ ލީވް ނަގަން ބޭނުން މުއައްޒަފުނަނަށް އެފުރުސަތު ހުޅުވާލާފައެވެ. މިވައިރަސްއާގުޅިގެން ވިޔަފާރި ދަށް ވުމުން، ހަރަދު ކުޑަކުރުމުގެ ގޮތުން، ހޮންކޮންގް ގެ ކެތޭޕެސިފިކް އެއާލައިންއިންގެ 25 ހާސް މުއައްޒަފުންނަށް ވަނީ މިހާތަނަށް ނޯޕޭލީވް ދީފައެވެ. އިންޓަރނޭޝަނަލް އެއާރ ޓްރާންސްޕޯރޓް އެސޯސިއޭޝަން އިން އަންދާޒާ ކުރާގޮތުގައި ކޮވިޑް19 ގެ ސަބަބުން ދުނިޔޭގެ އެއާރލައިން ތަކަށް 29 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެއެވެ.

ކޮވިޑް19 ފެތުރޭތީ ދުނިޔޭގައި ބައެއް ޑޮކްޓަރީ ބޭސްތައް މަދުވެދާނެ ކަމަށް ޤަބޫލުކޮށް އިންޑިއާއިން ވަނީ ޕެރސެޓަމޯލް އިން ފެށިގެން ގޮސް ބައެއް އެންޓިބައޮޓިކް ހިމެނޭ ގޮތަށް ތަފާތު 26 ބޭހެއް އެކްސްޕޯރޓް ކުރުން ވަކި މުއްދަތެއް ނެތި ސަސްޕެންޑް ކޮށްފައެވެ. އިންޑިއާ އެއްކިބާގައި ބާއްވާފައި ޗައިނާގެ އާބާދީގެ ބޮޑު ބައެއް އަދިވެސް އޮތީ ކަރަންޓީނު ކޮށްފައެވެ. ޗައިނާގެ އާބާދީ އަކީ 1.4 ބިލިއަން އެވެ. އެއީ މުޅި ދުނިޔޭގެ އާބާދީގެ 18 ޕަރސެންޓެވެ. ދުނިޔޭގެ އާބާދީގެ ކޮންމެ 100 މީހަކުން 18 މީހުންނަކީ ޗައިނާ މީހުނެވެ. އެއީ އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި އުޅޭ ޗައިނާ ނަސްލުގެ މީހުން ނުހިމަނައެވެ. ޗައިނާއަކީ މުޅި ދުނިޔޭގެ އިގްތިސޯދުގެ މައި "ފެކްޓަރީ" އެވެ. ޗައިނާގެ ފެކްޓަރީތައް ހުއްޓުމަކަށް އައުމުން މުޅި ދުނިޔޭގެ އިގްތިސޯދު ހުއްޓުމަކަށް އާދެއެވެ.

މިސާލަކަށް އިންޑިއާ އަކީ ދުނިޔޭގެ އެންމެ ގިނަ އަދަދަކަށް ބޭސް އުފައްދާ އެއް ޤައުމެވެ. ނަމަވެސް އިންޑިއާގައި އުފައްދާ ބޭހަށް ބޭނުންވާ ރޯމެޓީރިއަލްގެ 70 ޕަރސެންޓް އިމްޕޯރޓް ކުރަނީ ޗައިނާ އިންނެވެ. ޗައިނާގެ ފެކްޓަރީތައް މިހާރު އެހެރަ ގޮތަށް ބަންދުވަފައި އަދި އިތުރު މަސްތަކަކަށް ހުރެއްޖެނަމަ އިންޑިއާއިން އުފައްދާ ބޭސްތައް އުފެއްދުން ހުއްޓި، އިންޑިއާގެ ބޭސް ފެކްޓަރީތައް ހުއްޓުމަކަށް އަންނާނެއެވެ. އޭގެ އަސަރު ދިވެހި ރާއްޖެ ފަދަ އެތައް ޤައުމަކަށް ކުރާނެއެވެ. ޕެރަސެޓަމޯލުން ފެށިގެން އެންޓިބައޮޓިކް ފަދަ ބޭސްތައް އިންޑިއާއިން ނުލިބޭ ހާލަތު އަތުވެއްޖެ ނަމަ ޕާކިސްތާން ފަދަ މިސަރަހައްދުގެ ބޭސް އުފައްދާ އެހެން ޤައުމުތަކުންވެސް އެބޭސްތައް ހުސްވާނެއެވެ. އެފަދަ ހާލަތެއްގައި ރާއްޖޭގެ ސިއްހީ ދާއިރާ ބޮޑު ކާރިސާއަކަށް ވެއްޓިގެން ދާނެއެވެ.

ރާއްޖެ އަންނަ ފަތުރުވެރީންގެ ގާތްގަނޑަކަށް 20 ޕަރސެންޓަކީ ޗައިނާ ފަތުރުވެރީންނެވެ. ނަމަވެސް ކޮވިޑް19 ވައިރަސްގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ދަތުރުކުރުން ވަގުތީ ގޮތުން މަނާ ކުރުމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރުވެސް ވަނީ ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހިފައެވެ. މި ދުވަސް ވަރަކީ އާއްމު މިންގަނޑުން ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޕީކް ސީޒަން ކަމުގައި ވިައސް ކޮވިޑް19 ގެ ސަބަބުން ސިނާއަތު ދަށްވެ، ރިސޯރޓްތަކުގެ އޮކިއުޕެންސީ ވަނީ 50 ޕަރސެންޓަށް ވުރެވެސް ދަށް ވެފައެވެ. ޔޫރަޕާއި އެމެރިކާ އަށް މި ވައިރަސް ބާރުމިނުގައި ފެތުރެމުންދާ އިރު ކޮންމެ ވަގުތެއްގައިވެސް ރާއްޖެއިން މިބައްޔަށް ޕޮޒިޓިވް މީހަކު ފެނުމަކީ މިހާރު ވަރަށް ކައިރި ކަމެއް ކަމުގައި ރައިސް ސޯލިހު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. ކޮވިޑް19 އަށް ފޮޒިޓިވް އެންމެ މީހަކު ރާއްޖެއިން ފެނުނަސް ރިސޯރޓް ތަކާއި ގެސްޓް ހައުސް އަދި ސަފާރީ ތަކާއި ހޮޓާތަކުގެ އޮކިއުޕެންސީ ގާތްގަނޑަކަށް ސުމަކަށް ވެއްޓިގެން ދިއުމަކީ ވެސް ދުރުކަމެއް ނޫނެވެ.

އެފަދަ ހާލަތެއްގައި އެތައް ހާސް މުއައްޒަފުންނަކަށް ނޯޕޭ ލީވް ދޭނެް ރިސޯރޓް ތަކާއި ހޮޓާތަކަށް މަޖުބޫރު ވާނެއެވެ. ހަމަ އެފަދައިން ފަތުރުވެރި ކަމުގެ ސިނާއަތާ ގުޅުން ހުރި ލޯންޗްގެ ހިދުމަތް، ސުވެނިއަރ ޝޮޕް، ރެސްޓޯރެންޓް، އެއާރޕޯރޓް ފަދަ އެތައް ތަނެއްގެ މުއައްޒަފުންނަށް މުސާރަދޭނެް ދަތިވެ، ނޯޕޭލީވް ދިނުމުގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހުމަކީ ދުރު ކަމެއް ނޫނެވެ.

ރާއްޖެއަކީ ރައްޔިތުންގެ ގިނަ ބަޔަކު މަހުން މަހަށް ލިބޭ އެއްޗަކުން އުޅޭ ޤައުމެކެވެ. ގިނަ ދިވެހީންނަކީ ފަހަށް ރައްކާ ކުރުމުގެ އާދަ ގެންގުޅޭ ބައެއް ނޫނެވެ. ޤައުމުގެ އަސާސީ ހުރިހާ އެއްޗެއް ގެންނަނީ އިމްޕޯރޓް ކޮށްގެން ބޭރުންނެވެ. މުޅި އިގްތިސޯދު އޮތީ ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާ ވެފައެވެ. ކޮވިޑް19 ގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، އިމްޕޯރޓް ހުއްޓި، ވަޔަފާރިތައް އިނދަޖެހި، ރިސޯރޓް ތައް ބަނދުކޮށް، ބައެއް އަސާސީ ބޭސްތައް ހުސްވެ، އަސާސީ ކާބޯތަކެތި ހުސްވުމަކީ ވެސް ދުރު ކަމެއް ނޫނވެ.

ދާދި ފަހުން އެސް.ޓީ.އޯ ގެ މަނޭޖިންގ ޑިރެކްޓަރ ވިދާޅުވެފައިވަނީ ކޮންމެ ގެއެއް ކާޑު ގުދަނަކަށް ވާވަރަށް ރައްޔިތުން ކާބޯތަކެތި ސްޓްކް ނުކުރިއަސް ޤައުމަށް ބޭނުންވާ ވަރަށް ކާޑާއި ބޭސް އެސް.ޓީ.އޯ ގައި އެބަހުރި ކަމަށެވެ. ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތު ހުއްޓުމަކަށް އައިސް އިގްތިސޯދު ވަޅުޖެހި، އިމްޕޯޓް ހުއްޓިއްޖެ ނަމަ މި ޤައުމަށް ވާނެގޮތް ވިސްނާލަންވެސް ދައްޗެވެ. މިއީ މިއިން ޒަމާނަކުވެސް ރާއްޖެއަށް ތަޖުރިބާ ކުރަން ޖެހިފައިނުވާ ވަރުގެ ބިރުވެރި ހާލަތެކެވެ. މިފަދަ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން މިހާރުން މިހާރަށް ކުރަންޖެހޭ ވަރަށް މުހިއްމު ކަންތައްތަކެއް އެބަހުއްޓެވެ.

މަޖިލިސް މެމްބަރުން، ސިޔާސީ މަޤާމް ތަކުގައި ތިއްބެވި ހުރިހާ މުއައްޒަފުން އަދި ސަރުކާރު ކުންފުނި ތަކުގެ އެމް.ޑީ އިންފަދަ ފަރާތްތަކުގެ މުސާރައިގެ ކޮންމެވެސް ބައެއް ވަގުތީ ގޮތުން ކަނޑާލައި، މުސާރަ ކުޑަކުރަން ޖެހެއެވެ. ރަށްރަށާއި ސިޓީ ތަކުގެ ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ނިންމާފައިވާ ނިންމުން ތަންފީޒުނުކޮަށް ވަގުތީ ގޮތުން މަޑުކޮށްލަން ޖެހެއެވެ.

ކާރު، ސައިކަލް ފަދަ އުޅަނދު އިމްޕޯރޓް ކުރުން ވަގުތީ ގޮތުން ސަސްޕެންޑް ކުރަން ޖެހެއެވެ. މަގު ހެދުމާއި ބިން ހިއްކުމާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތަކަށް ހަރަދު ކުރުން ސަސްޕެންޑް ކޮށް، މާލެ-ތިލަފުށި ބްރިޖްގެ މަސައްކަތް މަޑު ޖައްސާލަން ޖެހެއެވެ.

މިއަހަރު އަލަށް ފެށި ސްކޫލް ކުދީންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވަގުތީ ގޮތުން ސަސްޕެންޑް ކުރަން ޖެހެއެވެ. ކަރަންޓު ހަރަދު ކުޑަ ކުރުމުގެ ގޮތުން ރަށްރަށުގެ މަގު ބައްތިތައް ރޭގަނޑު ވަކި ގަޑިއެއްގެ ފަހުން ނިއްވާލަން ޖެހެއެވެ. ހަމަ އެފަދައިން ކަރަންޓް ހަރަދު ކުޑަ ކުރުމުގެ ގޮތުން ހުރިހާ ފިހާރައެއް ރޭގަނޑު 8 ކުން ބަނދު ކުރާ ގޮތަށް ވަގުތީ ގޮތުން ހަމަޖައްސަން ޖެހެއެވެ.

އޭޕްރިލް މަހު ބޭއްވުމަށް ރާވާފައިވާ ލޯކަލް ކައުންސިލް އިންތިހާބް ވަކި މުއްދަތެއް ނެތި ފަސްކުރަން ޖެހެއެވެ. ބިދޭސީން ވަޒީފާއަށް ގެނައުން ވަގުތީ ގޮތުން ސަސްޕެންޑް ކުރަން ޖެހެއެވެ. މިއީ ބައެއް މިސާލުތަކެވެ. މިނޫންވެސް މިފަދަ ބޮޑެތި ނިންމުންތައް ނިންމައިގެން މެނުވީ ދައުލަތުގެ ނުވަތަ ސަރުކާރުގެ ހަރަދުތައް ކުޑައެއް ނުކުރެވޭނެއެވެ. ހީވެސް ނުކުރާފަދަ ގޮތަކަށް މިބަލީގެ އަސަރު ދުނިޔޭގެ އިގްތިސޯދަށް ކުރުމުގެ ފުރުސަތު ނުހަނު ބޮޑެވެ. އެފަދަ ހާލަތެއްގައި އެންމެ ފުރަތަމަވެސް ބަނޑަށްޖެހި، އިގްތިސޯދު ފުނޑިގެންދާނީ ރާއްޖެފަދަ ހަމައެކަނި އިމްޕޯރޓަށް ބަރޯސާކޮށްފައިވާ ޤައުމުތަކެވެ.

ފުރުސަތު އޮތީ ރައްޔިތުން ހަމައެކަނި ބަނޑަށް ޖެހުމަކަށް ނޫނެވެ. ފެނަށް ވެސް ޖެހިދާނެއެވެ. މިނެރަލްް ވޯޓަރ ހުސްވެ، ބޭނުންވާ ވަރަށް ވާރޭފެން ނުލިބި، ވަޅުފެން ނުލިިބި، ވަޅުފެން ތައައްޔަރު ވެފައި ވުމުން ބޯނެފެން ނުލިބި، ބޭސް ނުލިބި، ކާބޯތަކެތި ނުލިބޭ ހާލަތަށް ވެސް ޤައުމުދިއުމަކީ ހަމަ ދުރުކަމެއް ނޫނެވެ. މިއީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ވާހަކައެއް ނޫނެވެ. މިއީ އަންނަ ވަރަށް ކުޑަ ބަދަލަކުންވެސް ޤައުމުގެ ހާލަތު ގޮސްދާނެ ގޮތެކެވެ. މަތީގައިވާ ބަދަލުތައް ގެނެސް، ފިޔަވަޅުތައް އަޅައި، ތައްޔާރުވެގެން ނެތީސް ކުއްލިއަކަށް ދަތި ހާލަތެއް މެދުވެރި ވެއްޖެ ނަމަ ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ. މިއީ ފިޔަވަޅު އަޅަންވީ ވަގުތެވެ. ސަރުކާރާއި ވެރީން ލީޑަރޝިޕް ދައްކަންވީ ވަގުތެވެ. އުދަގޫ ޑިސިޝަންނަގަންޖެހޭ ވަގުތެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!