ޚަބަރު

އަންހެެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މީހާއަށް، މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކުރީގެ އަނބިމީހާގެ އަނގަޔަށް ލައްފިލުވާ އެޅި މީހެއްގެ މައްޗަށް، މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާ އުފުލައިފިއެވެ.

Ads by MWSC

ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހުން މި ދައުވާ އުފުލާފައިވަނީ ރ. އަލިފުށި، ކަސްތޫރިގޭ އަލީ އަމީންގެ މައްޗަށެވެ.

އޭނާގެ މައްޗަށް 3 ދައުވާ އެއް އުފުލާފައި ވާކަމަށް މިއަދު ޕީޖީ އޮފީހުން ވަނީ ހާމަ ކޮށްފައެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ، އޭނާގެ ކުރީގެ އަންހެނުންނަށް މަރުގެ އިންޒާރުދީ، އަނިޔާކޮށް، އެ އަންހެން މީހާގެ އަނގަޔަށް ބާރުގަދަ ކެމިކަލެއް އަޅައި، އެ އަންހެންމީހާއަށް ގެއްލުންދީ އޭނާ މަރާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ކަމަށް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ. އަދި މީނާ މިކަން ކުރީ މިދިޔަ މަހު 1 ވަނަ ދުވަހު ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.

އޮންލައިން ނޫސް "ސަން" އަށް މީގެކުރިން އެރަށުން މައުލޫމާތު ދިން މީހަކު ބުނެފައިވަނީ މީނާ މިކަން ކޮށްފައިވަނީ އެ އަންހެން މީހާ ނަމާދަށް ހުއްޓާ ކަމަށާއި، މިކަން ކުރިއިރު މީނާ ހުރީ މޫނު ނިވާކޮށްގެން، އަތަށް އަންގިއެއް އަރުވައިގެން ކަމަށް ކަމަށެވެ. އަދި މި މީހުން ވަރިވިތާ މިހާރު 10 މަސް ވެފައިވާ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުނެފައި ވެއެވެ.

އަލީ އަމީންގެ މައްޗަށް އުފުލާފައިވާ މި ދައުވާ ސާބިތުވެއްޖެނަމަ، އަސާސީ މިންގަޑުން ބަލައި، 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށާއި، އަދި އަނިޔާއެއް ދިނުމުގެ ދައުވާސާބިތު ވެއްޖެ ނަމަ، އަސާސީ މިންގަނޑުން ބަލައި އެއް އަހަރާއި 7 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ހަމައެއާއެކު އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ސާބިތު ވެއްޖެ ނަމަ، އަސާސީ މިންގަނޑަށް ބަލައި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!