ރާއްޖެއިން ބައެއް ވިއްކާލުމަށް ޑީލްހަދާފައިވާކަމަށް ބުނެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބަލައިގަނެފި!
ދިވެހި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭފަދަ ގޮތަކަށް ސަރުކާރުން މޮރިޝަސް އަށް ފޮނުވި ސިޓީ ރައްޔިތުންނަށް ހާމަކުރުމަށާއި ރާއްޖެއިން ބައެއް ވިއްކާލުމަށް ޑީލްހަދާފައިވާ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ އިދިކޮޅު ޕީއެންސީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރެވެ.
މައްސަލަ ހުށައަޅުއްވަމުން މެމްބަރު ވިދާޅުވީ ދިވެހި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުން ކަމުގައި ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ. ޗާގޯސް މައްސަލައަކީ ރާއްޖޭގެ ސިޔާސީ، ޚާރިޖީ، އިޤުތިސާދީ އަދި ސިޔާދަތީ ބާރުތަކާއި ރާއްޖޭގެ އެންމެ މަތީ މަސްލަޙަތުތަކާ ނުހަނު ގުޅުން ހުރި މައްސަލައެއްކަމަށް ވެސް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޗާގޯސް މައްސަލައިގައި ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހަށް އެއްވެސް ކަމެއް ހާމަކުރުމެއްނެތި ކުރިން ދިވެހި ރާއްޖެއިން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ކުއްލިއަކަށް ބަދަލުކޮށް މޮރިޝަސްއަކީ ޗާގޯސްގެ ސިޔާދަތީ ބާރު ހިނގާ ގައުމުކަމުގައި ސަރުކާރުން ނިންމާފައިވާކަމަށާއި އެކަން ރައީސް މޮރިޝަސް އަށް ސިޓީއަކުން އެންގެވުމަކީ އިޔާދަ ނުކުރެވޭފަދަ ބޮޑު ގެއްލުމެއް ދިވެހި ރާއްޖެއަށް ލިބޭނެކަމެއްކަމަށްވެސް މިމައްސަލައިގައި ވަނީ ބުނެފައެވެ. އަދި ހަމައެހެންމެ މި މައްސަލައިގައި އދ އާއްމު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރ މެދުވެރިވެގެން ސަރުކާރުން އަޑި ނޭނގޭ ޑީލެއް ހަދާފައިވާކަމަށް މަޖިލީހުގެ ސަރުކާރު ހިނގާ ޕާޓީގެ މެމްބަރުން ވިދާޅުވެފައިވާކަމަށްވެސް އާދަމް ޝަރީފު ހުށައެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.
މިމައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓައް އެއްސެވި އިރު މަޖިލީހަށް ވަޑައިގެން ތިއްބެވީ 47 މެމްބަރުންނެވެ. މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވި 42 މެމްބަރުންގެ ތެރެއިން 23 މެމްބަރުންގެ ތާއީދާއެކުއެވެ. މައްސަލައާއި ދެކޮޅަށް ވޯޓުދީފައިވަނީ 19 މެމްބަރުންނެވެ.