ޚަބަރު

ދައުރުވަނީ ފޭކް ސިޓީއެއް، ހަތިޔާރުއެޅި އުޅަދު ދަތުރުކުރަން ހުއްދައެއް ނުދެން: ރައީސް ޞާލިޙް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗާގޮސްގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ޞާލިޙް ފޮނުއްވި ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުން އަންނަ ސިޓީއަކީ ސައްޙަ ސިޓީއެއް ނޫން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވަނީ މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޓްވިޓަރގައި ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އަންނަ ޓްވިޓަރ އެކައުންޓުން ރައީސް ޞާލިޙް ފޮނުވި ކަމަށް ބުނާ ސިޓީއެއް ވަނީ އާއްމުކޮށްފައެވެ. އެ ސިޓީގައި މޮރިޝަސްގެ މިލިޓަރީން ރާއްޖޭގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދޭން ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން ރައީސް ޞާލިޙް ވިދާޅުވީ، އެ ސިޓީފުޅުގައި ހަނގުރާމަމަތީ މަތިންދާ ބޯޓުތަކެއްގެ ވާހަކައެއް ނޯންނާނެ ކަމަށާއި، ދައުރުވަމުންދާ ސިޓީއަކީ ޞައްޙަ އެއްޗެއް ނޫން ކަމަށެވެ.

އެ ސިޓީ ހާމަކޮށްފާނެތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ، ދެ ޤައުމެއްގެ ވެރިންގެ މެދުގައި ހިނގާ ސިޓީގެ މުއާމަލާތް ހާމަކުރުމަކީ އާއްމު އުސޫލެއް ނޫން ކަމަށެވެ. ނަމަވެސް ސިޓީގައިވާ ކަންކަން ހާމަކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އެއްވެރިޔަކު އަނެއް ވެރިޔަކަށް ފޮނުވާ ސިޓީ ހާމަކޮށްފައެއް ރާއްޖެއަކު ނެތް. އެހެންކޮށްފިއްޔާ ހުރިހާ ސިޓީއެއް ފޮނުވަން ޖެހޭނީ ޕަބްލިކް ޑޮމައިންގައި" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!