ޚަބަރު

އިންޑިއާގެ އިތުރު ބޭހަކަށް ސަމާލުވާާން އެދިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގައި އުފައްދާ ކެއްސާތީ ދޭ ބޭހުގެ ވައްތަރަކަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ)އިން އެދިވަޑައިގެންފިއެވެ.

Ads by Hajj Corporation

އިންޑިއާގައި އުފައްދާފައިވާ ކެއްސާ ބޭހުގެ އިތުރު ބާވަތަކަށް ސަމާލުވުމަށް ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) އިން މިދިޔަ މަހުގެ ތެރޭގައި އެންގެވިއެވެ.

އިންޑިއާގައި އުފައްދާ މި ބޭހަކީ ޕަންޖާބުގެ ކުންފުންޏެއް ކަމަށްވާ ފާމަޗެމް ލިމިޓެޑުން އުފައްދާފައިވާ ގޯފެނިސިން ޓީޖީ ސީރަޕްއެވެ.

އެ ބޭހަކީ ހުންނަން ޖެހޭ މިންވަރަށް ވުރެ ގިނައިން ޑައިތެލީން ގްލިކޮލް އާއި އެތިލީން ގްލިކޮލް ހިމެނޭ ބޭހެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ.

އެމްއެފްޑީއޭ އިން ވިދާޅުވީ، އެ ބޭހަކީ ރާއްޖެއަށް އެތެރެކޮށް، ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓްގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސް ސިޓީ އަށް ނުވަތަ އެނޫން ވެސް ގޮތަކުން ރާއްޖެ އަށް ބޭސް އެތެރެވުމުގެ ފުރުސަތު އޮތުމާ އެކީ އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެ އަށް އިމްޕޯޓު ކުރާ ބޭސް ޚާއްސަ ސަމާލު ކަމެއްދީގެން ޕޯޓްތަކުގައި ބަލައިފާސްކުރަމުން ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އިންޑިއާގައި އުފައްދައިފައިވާ ކެއްސާ ބޭހުގެ ތިން ސިރަޕެއްގައި ނުރައްކާތެރި މާއްދާއެއް ހުރެގެން އެކަން އެފްޑީއޭ އިން ސަމާލުކަމަށް ގެނެސްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!