ކޮވިޑް -19 ގެ ސަބަބުން ދުނިޔޭގައި އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި
ކޮވިޑް -19 ގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މުޅި ދުނިޔޭގައި އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ ކޮވިޑް-19 ފެތުރުމަކީ މިހާރު މުޅި ދުނިޔޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ކަމަށެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އިއްޔެ، އިމަރޖެންސީ ކޮމެޓީގެ 15 ވަނަ ބައްދަލުވުމަށްފަހު ބައިނަލްއަޤްވާމީ ގޮތުން ކަންބޮޑުވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައުމަށް ލަފާއަރުވާފައިވާކަމަށެވެ.
ޓެޑްރޯސް ވިދާޅުވީ ކޮވިޑް-19 ޖެހިގެން މަދުވެގެން 20 މިލިއަން މީހުން މަރުވެފައިވާ ކަމަށާއި އެއީ ރަސްމީކޮށް ރިޕޯޓްކުރި 7 މިލިއަނަށްވުރެ މާ ގިނަ އަދަދެއް ކަމަށެވެ.
ކޮރޯނާވައިރަހަކީ ބައިނަލްއަގްވާމީ ގޮތުން ކަންބޮޑުވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ޑަބްލިއުއެޗްއޯ އިން އެންމެ ފުރަތަމަ ކަނޑައެޅީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އޭރު ބަލި ޗައިނާއިން ބޭރުގެ ގައުމުތަކަށޤ މާ ބޮޑަށް ފެތުރިފައެއް ނުވެއެވެ. އަދި އޭރު މިބައްޔަށް ކޮވިޑް-19ގެ ނަމުން ނަމެއްވެސް ނުދެއެވެ. އޭގެ ފަހުން 3 އަހަރު ވެފައިވާއިރު މުޅި ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ގާތްގަނޑަކަށް 764 މިލިއަނަށް ވަނީ އަރައިފައެވެ. އަދި ގާތްގަނޑަކަށް ފަސް ބިލިއަން މީހުން ވަނީ ވެކްސިންގެ އެއް ޑޯޒް ނަމަވެސް ޖަހާފައެވެ.