ޚަބަރު

އެސްޓީއޯއިން އާންމުންނަށް ސެނިޓައިޒާ ވިއްކުން ހުއްޓާލައި، މާސްކު ވިއްކުން ލިމިޓް ކޮށްފި

އެސްޓީއޯއިން އާންމު ރައްޔިތުންނަށް ސެނިޓައިޒަރު ވިއްކުން މަޑު ޖައްސާލައި، މާސްކުން ވިއްކުން ވެސް ލިމިޓް ކޮށްފިއެވެ.

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މިއާއެކު ރާއްޖޭގެ ލެވެލް ވަނީ ޔެލޯ އެލާޓަށް މަތިކޮށްފަ އެވެ.

އެކަމާ ގުޅިގެން މިރޭ އެސްޓީއޯ އާއި ސަލާމަތީ ބާރުތަކުން ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ބަލި ނުވާ މީހުން މާސްކު އަޅަން ނުޖެހޭ ކަމަށް ޑޮކްޓަރު ވެސް ލަފާދޭ ކަމަށާއި މާސްކު މުހިންމީ ބަލި މީހުންނަށް ކަމަށެވެ.

އަމްރު ވިދާޅުވީ އެސްޓީއޯއިން ވިއްކާ ހޭންޑް ސެނެޓައިޒާއަކީ ވެސް ހޮސްޕިޓަލް ފަދަ ތަންތަނުގައި ބޭނުން ކުރުމަށް ހުންނަ އެއްޗެއް ކަމަށާއި ގޭގައި ބޭނުން ކުރުމަށް އެ ސެނެޓައިޒާ ގަތުން މުހިންމު ނޫން ކަމަށެވެ. ގޭގައި ސައިބޯނި ލައިގެން އަތް ދޮވެ، ސެނެޓައިޒާ، ހޮސްޕިޓަލްތަކަށް ބެހެއްޓުން މުހިންމު ކަމަށެވެ.

ނަމަވެސް އޭނާ ވަނީ އެސްޓީއޯގައި ހޭންޑް ސެނެޓައިޒާ އާއި ފޭސް މާސްކު ވެސް ބޭނުންވާ މިންވަރަށް ހުރިކަން ފާހަގަ ކުރައްވާފަ އެވެ.

އަމްރު އިތުރަށް ވިދާޅުވީ ހުސް ނުވެ، ރާއްޖޭގެ ހުރިހާ ރައްޔިތުން ބޭނުން ކުރާނެ ކާޑު އެސްޓީއޯގައި އެބަހުރި ކަމަށެވެ. އެކަމާ އެއްގޮތަކަށް ވެސް ހާސްވެ ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!