ފިކުރެއްގެ ދިރުމުގެ ހުރިހާ މަޖިލިސް މެންބަރުން އެމްޑީޕީން ވަކިވެއްޖެ
ރައީސް ނަޝީދުގެ"ފިކުރެއްގެ ދިރުން" ފެކްޝަންގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން އެމްޑީޕީން ވަކިވެއްޖެއެވެ.
މަޖިލިސް މެންބަރުންގެ އިތުރުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް ވަނީ އެ ޕާޓީން އިސްތިއުފާ ދެއްވާފައެވެ.
އިސްތިއުފާ ދެއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ ހަސަން ލަތީފް، އީވާ އަބްދުﷲ، އިލްޔާސް ލަބީބް، އިމްތިޔާޒް ފަހުމީ، ޔާސިރު އަބްދުއްލަތީފް، އިބްރާހިމް ރަޝީދު (ބޮންޑޭ)، ހަސަން އަފީފް، ހުސެއިން ފިރުޝާން، މުހައްމަދު ރަޝީދު (ބޯދިގު)، ހަސަން ޝިޔާން، އަހްމަދު ޒާހިރު (ގައްދޫ)އެވެ.
އެމްޑީޕީގެ 12 މަޖިލިސް މެންބަރުން އެ ޕާޓީން އަމިއްލައަށް ވަކިވެފައިވަނީ، އެމްޑީޕީން އަލީ އާޒިމް އިއްޔެ ވަކިކޮށްފައިވަނިކޮށެވެ.