ރައީސް ނަޝީދު އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައިފިއެވެ.
ރައީސް ނަޝީދުގެ އަރިސް ބޭފުޅަކު މިއަދު ވިދާޅުވީ ހަރަކާތްތައް ފުޅާކޮށް ހިނގާނެ ކަމަށާއި އާ ޕާޓީއެއް އުފައްދާނެ ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލް މިއަދު ރައީސް ނަޝީދު ބާއްވަވަން ތައްޔާރުވަމުން އަންނަ ޕްރެސް ކޮންފަރެންސްގައި އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ހަރަކާތުގައި ހިމެނިވަޑައިގަންނަވާ މެމްބަރުން މިއަދު ވަނީ އެމްޑީޕީން ވަކިވެފައެވެ.
މިހާތަނަށް އެގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދާ އެކު މަސައްކަތް ކުރައްވާ އެމަނިކުފާނު ފެކްޝަނުގެ 12 މެމްބަރަކު މި އިސްތިއުފާގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. މި ނިންމުން ނިންމީ، ފިކުރެއްގެ ދިރުމުގައި ހިމެނިވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރުމުންނެވެ.