އަމީނީ މަގު ތާރުއަޅާބައި ހުޅުވާލެވޭނީ އެއް ހަފްތާ ފަހުން: މޫކޭ
ޒަމާނީ ފެންވަރަކަށް އަމީނީ މަގު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން އަމީނީ މަގުގައި ތާޅުއެޅި ބައި ހަފްތާއެއް ފަހުން ހުޅުވާލާނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީން)ގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
އަމީނީ މަގު ސްޓެލްކޯ އިމާރާތުން ފެށިގެން އޮޑެގެއްލާ ރެސްޓޯރެންޓާ ހަމައަށް ތާޅު އެޅުމުގެ މަސައްކަތް ރޭ ވަނީ ފަށާފައެވެ. އާރުޑީސީން ހާމަ ކުރާ ގޮތުގައި އެ މަސައްކަތް މާދަމާ ނިންމާލެވޭނެއެވެ.
ތާޅު އެޅުމުގެ ކުރިން ރޭ ދަންވަރު ތާރުއަޅާ ސަރަހައްދުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ މޫކޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ, ތާޅު އެޅުމުގެ މަަސައްކަތް އެއް ދުވަސް ތެރޭ ނިންމާލެވޭނެ ކަމަށާއި އަދި މަގު ހަފްތާއެއްގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށެވެ.
”ތާރު އެޅުމުގެ އަމަލީ މަސައްކަތް މި ފެށުނީ, އަޅުގަނޑުމެން އިރާދަކުރެއްވިޔާ ހޮނިހިރު ދުވަހު, 4-7 ސެގްމެންޓްގައި ތާރު އަޅާ ނިންމާލެވޭނެ. އިރާދަ ކުރެއްވިއްޔާ ހަތް ދުވަސް ތެރޭ ހުޅުވާލާނަން” މޫކޭ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ, ތާރު އެޅުމަށްފަހު މަގު ބޭނުން ކުރަން ފަށަން އެންމެ މަދުވެގެން 7 ދުވަސް ބޭނުންވާ ކަމަށާއި, ޓްރެފިކަށް ބުރޫ އެރުން ކުޑަ ކުރުމަށް ވީހާ ވެސް އަވަހަށް މަގު ހުޅުވާލާނެ ކަމަށެވެ. އަދި ތާޅު އަޅާ ނިމުމުން, އަމީނީ މަގުގެ އިތުރު ސެގްމެންޓްތަކުގައި މަސައްކަތް ފަށާނެ ކަމަށް މޫކޭ ވިދާޅުވިއެވެ.
އަމީނީ މަގުގެ ފުރަތަމަ ތިން ސެގްމެންޓްގައި ތާރު އަޅާފައިވަނީ އެމްޓީސީސީންނެވެ. އޭރު އާރުޑީސީން ބުނީ, ތާރު މެޝިން ބަހައްޓަން ޖާގަ ނުލިބިގެން އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރި ކަމަށެވެ.
ރޭ ހަތް ވަނަ ސެގްމެންޓްގައި ތާޅު އަޅާފައިވަނީ އާރުޑީސީންކަން ފާހަގަކޮށްލެއެވެ.
”އަޅުގަނޑުމެންގެ އަމިއްލަ ތަކެތީގައި މަގުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭ ހިސާބަށް, ބޯޑާއި, މެނޭޖްމެންޓް ކުރި މަސައްކަތުން މި އާދެވުނީ. އަޅުގަނޑުމެންގެ އަމިއްލަ ވަސީލަތްތަކާއި, މުވައްޒިފުން ޓްރެއިން ކުރެވި, އަމިއްލައަށް ތާރު އަޅާ, މަގު ހެދުމުގެ ހުރިހާ ކަމެއް ކުރެވޭ ހިސާބަށް މިއަދު މި އާދެވުނީ. މިއީ ވަރަށް ބޮޑު ކާމިޔާބެއް.” މޫކޭ ވިދާޅުވިއެވެ.
އަމީނީ މަގުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ.