މަކަރާއި ހީލަތުން މުދާ އެތެރެ ކުރި މީހާ ދޫކޮށްލައިފި

ވަގު ޓީޓީ ހަދައިގެން ރާއްޖޭން ބޭރުން މުދާ އެތެރެކުރުމުގެ މުޢާމަލާތް ހިންގި މައްސަލާގައި ހައްޔަރުކުރި، މއ.ހަނީކަސްލް 1، ޙުސައިން ޝިފާއު(37އ) ދޫކޮށްލައިފިއެވެ.
އޭނާ ދޫކޮށްލީ ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކޮށްގެން ހިންގި މުޢާމަލާތާ ގުޅިގެން މިދިޔަ މަހުގެ 28 ގައި އޭނަ ހައްޔަރުކޮށްފައި ވަނިކޮށް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ރޭ ކުރި އަމުރަކާ ގުޅިގެންނެވެ.
ކޯޓުން އޭނާ ދޫކޮށްލަން އަމުރުކުރީ ބަންދާ މެދު ގޮތެއް ނިންމަން ރޭ ކޯޓަށް ހާޒިރުކުރުމުންނެވެ. އެގޮތުން އޭނާ ދޫކޮށްލަން އަމުރުކުރީ އޭނަގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެއެވެ.
ޝިފާއު ދޫކޮށްލިއިރު، ޕީޖީ އޮފީހުން އޮތީ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ދަޢުވާތަކެއް ކޮށްފައެވެ. އޭގެތެރޭގައި އެނގި ހުރެ ސައްޙަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދަޢުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާއަކާއި މަނީ ލޯންޑަރިންގެ ކުށުގެ ހަތް ދައުވާއެއް އޭނާގެ މައްޗަށް ކުރުމަށް ޕީޖީން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ.
ޝިފާއު ވަގު ޓީޓީ ހަދައިގެން ރާއްޖެ އެތެރެ ކުރަމުން ދިޔައީ ތަރުކާރީއާއި މޭވާއެވެ.