އޮޑިޓް ރިޕޯޓުތަކާ ގުޅޭ ކުއްލި މައްސަލައެއް މަޖިލީހަށް
ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ދެ ރިޕޯޓުގައި އެ ދެ މިނިސްޓްރީވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ހާމަކޮށްފައިވާއިރު، އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަ ބަލައިގެންފި އެވެ.
މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ. މިމައްސަލަ މަޖިލީހަށް ބަލައިމަތުމަށް ފާސްވެފައި ވަނީ 47 މެމްބަރުންގެ ވޯޓުންނެވެ.
އުޝާމްގެ ކުއްލި މައްސަލާގައި ބުނެފައި ވަނީ ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ޚާއްސަކޮށް މިހާރު އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓްތަކާއި ގުޅުންހުރި އިދާރާތަކުން ހިންގަމުންދިޔަ ކޮރަޕްޝަނާއި ގުޅުންހުރި ކަންކަމުގެ ވާހަކަ މީގެކުރިންވެސް މަޖިލީހާއި ސަރުކާރުގެ ސަމާލުކަމަށް ގެނެވުނުކަމަށެވެ.
މިމައްސަލައިގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ވިދާޅުވީ މިމައްސަލާގައި މަޖިލީހަށް ހެލްތު މިނިސްޓްރީން އޮޅުވާލައި ދޮގު މައުލޫމާތު ދީފައި ވާކަމަށެވެ. އަދި ތަކުރާރުކޮށް އެތައް ޕްލެޓްފޯމެއްގައި މިޚަރަދުތަކުގެ ތަފްސީލު ހާމަކުރުގައި އޮޅުވާލުންތަކެއް އޮޅުވާލާފައި ވާކަމަށެވެ.
މިމައްސަލާގައި ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ އޮޑިޓް ރިޕޯޓްތަކުގެ މިނިވަން ތަހުގީޤެއް ހިންގައި ޝާމިލުވާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި މިމައްސަލަ ބަލައި ނިމެންދެންވެސް މައްސަލާގައި ޝާމިލުވާ ވަޒީރަކު ނުވަތަ އެހެން މީހަކު ހުރި ނަމަވެސް މަޤާމުން އެކަހެރިކޮށް ވަކި ކުރަންޖެހޭކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވި ހެލްތް މިނިސްޓްރީގެ ކޮވިޑް-19އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ވާގޮތުން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ގަތުމަށް އެކި ފަރާތްތަކާ ޙަވާލުކޮށްފަައިވާއިރު އޭގެތެރެއިން 75 ވެންޓިލޭޓަރު ގަތުމަށް ޙަވާލުކުރި ދުބާއީގެ ކުންފުންޏަކާއެކު ކުރި މުޢާމަލާތާ ގުޅޭ ގިނަ މައްސަލަތަކެއް ހުރިކަންވަނީ ފާހަގަ ކުރައްވާފައެވެ. އެހެންކަމުން ވެންޓިލޭޓަރު ގަތުމަށް ކުރިއަށް ގެންދިޔަ މުޢާމަލާތް ތަޙުގީގުކުރުމަށް ވަނީ އޮޑިޓަރ ޖެނަރަލް ވަނީ އަންގާފައެވެ.