މުނިފޫހިފިލުވުން ދިވެހި ސިނަމާ

ދިވެހި ފިލްމު އެވޯޑްސް ގެއްލުނީތަ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
2019 ވަނަ އަހަރުގެ ދިވެހި ފިލްމު އެވޯޑްސް ހަފްލާގެ ތެރެއިން

މި އަހަރަކީ ތިން އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު ދިވެހި ސިނަމާ ހުޅުވިގެންދިޔަ އަހަރެވެ. ކޮވިޑް19 ގެ ސަބަބުން މުޅި އިންޑަސްޓްރީ ހުއްޓުމަކަށް އައިސްފައި އޮއްވާ ރާއްޖޭގައި ހުރި ހަމައެކަނި ބޮޑު ސިނަމާ މަރާމާތާށް ބަންދު ކުރިއެވެ. އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން އަލުން އޮލިމްޕަސް ހުޅުވައި މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ފިލްމުތައް އަޅުވަން ފެށިއެވެ.

Ads by Sosun Fihaara

ފިލްމު "ބީވީމާ" އަށްފަހު "ވަނާޖުބޭސާ" ގެ ފަސް ވަރަކަށް ޝޯ އޮލިމްޕަސްގައި ދެއްކިއެވެ. އޭގެ ފަހުން ފިލްމު "ލޯބިވެވިއްޖެ" ރިލީޒް ކުރިއެވެ. މިހާތަނަށް އެނގުނު މައުލޫމާތަށް ބަލާއިރު "ނީނާ"، "ކަޅަކި" ގެ އިތުރުން "ބަޅިނދު" މިއަހަރު ސިނަމާއަށް އަންނާނެއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގެ ފަންނާނުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ދަޢުލަތުން "ދިވެހި ފިލްމު އެވޯޑު" ގެ ނަމުގައި އެވޯޑެއް ދެމުން އައެވެ. އެންމެ ފަހުން މި އެވޯޑު ބޭއްވީ 2019 ވަނަ އަހަރެވެ. އެ އަހަރު ބައިވެރި ކުރީ 2018 ވަނަ އަހަރުގެ ނިޔަލަށް ރިލީޒް ކުރި ފިލްމުތަކެވެ. އެ އެވޯޑުގައި ތިން އަހަރެއްގެ ފިލްމުތައް އެއްކޮށްލައި އެވޯޑު ދިނެވެ.

ދިވެހި ފިލްމު އެވޯޑްސް 2019 ގެ ތެރެއިން

2019 އާއި އޭގެ ފަހުން ރިލީޒްވި ފިލްމުތަކަށް ޚާއްސަކޮށް އަދި އެވޯޑެއް ނުބާއްވަ އެވެ. އޭގެ ފަހުން ހަތަރު އަހަރު ފުރި، ފަސްވަނަ އަހަރު ނިމެން ދާއިރު 15 އަށްވުރެއް ގިނަ ދިވެހި ފިލްމު ވަނީ އެކި ޕްލެޓްފޯމުތަކުގައި ރިލީޒްކޮށްފައެވެ.

މީގެ އިތުރުން މުޅިން އަލަށް ވެބް ސީރީޒްތަކެއްވެސް ރާއްޖޭގައި އުފެދި މި މުއްދަތުގެ ތެރޭގައި އެތައް ވެބް ސީރީޒެއްވެސް ވަނީ ރިލީޒްކޮށްފައެވެ.

ދިވެހި ފިލްމު އެވޯޑްސް ބާއްވަނީ އެންސީއޭއިން އިންތިޒާމުކޮށްގެންނެވެ. އެންސީއޭގެ މަސައްކަތްތައް ލަސްކަމުގެ ވާހަކަ މީގެ ކުރިންވެސް އެކި ގޮތްގޮތަށް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ދައްކަމުން ދާއިރު ފިލްމު އެވޯޑުގެ އެއްވެސް ވާހަކައެއް މިހައިތަނަށް އެ ސެންޓަރުން ދައްކައިފައެއް ނުވެއެވެ.

ދިވެހި ފިލްމު އެވޯޑްސް 2019 ގެ ތެރެއިން

ކުރިން ބެލެވިފައި އޮތީ މި އަހަރުގެ މެދެއްހައި ހިސާބުގައި އެވޯޑު ހަފްލާއެއް ބާއްވާނެ ކަމަށެވެ. އެހެންނަމަވެސް މިހައިތަނަށް އައިއިރުވެސް، ޢަމަލީ ގޮތުން އެވޯޑުގެ މަސައްކަތް ފެށިކަން މީޑިއާތަކަށް ހާމަކޮށްފައި ނުވާތީ އެވޯޑު ހަފްލާ ބާއްވާނެ ވަކި ތާރީޚެއް ކަށަވަރެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!