ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މިކަމާ ގުޅިގެން ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވަނީ ރިޕޯޓު ސަރުކާރަށް ރަސްމީކޮށް ލިބުމުން ރިޕޯޓުގައިވާ ކަންކަމަށް ރިއާޔަތްކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު އެއްވެސް ފަސްޖެހުމެއް ނެތި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.
އަމީން ހުރީ ދެ ވަައްކަންކޮށްގެން، މަގާމުން ވަކިކުރަން ޖެހޭ: މީކާއިލް

މީކާއިލް މިކަމަށް ގޮވާލެއްވީ ކޮވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ހަރަދުކޮށްފައިވާ ގޮތުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް ކުރައްވަމުންނެވެ.
މައްސަލަ އަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ވައްކަން ކުރިއަސް، ބަޔަކު މީހުން މަރުވާ ދަނޑިވަޅުގައި ބޭނުން ކުރަން އޮތް ވެންޓިލޭޓަރުތަކުން ވައްކަން ކުރުމަށް ވުރެ ވަކި ހުތުރު އަމަލެއް އޭނާ އަށް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.
"އެމްޑީޕީއަކީ ވަގުން ހިފާ ޕާޓީ. އަޅުގަނޑުމެން މެންޑޭޓަކައިގެން ރައްޔިތުންގެ މަޖިލިހަށް ހޮވުނީ ހަމަ ސީދާ ވަގުން ހިފާނެ ކަމަށް ބުނެ،" މީކާއިލް ވިދާޅުވިއެވެ.
އޭގެ އިތުރުން މީކާއިލް ވިދާޅުވީ، ހެލްތު މިނިސްޓަރު އަމީން ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް އިތުރުފުޅު ހައްދަވާފައި ކަމަށާއި އަދި ރައްޔިތުންގެ މާލީއްޔަތުން ވައްކަން ކުރުމާއި އަދި ރައްޔިތުންގެ އިތުބާރުދީ ރައްޔިތުން ތަމްސީލު ކުރައްވަމުން ގެންދަވަމުން ވައްކަން ކުރެއްވުމަކީ ދެ ވައްކަން ކަމަށެވެ.
"އަޅުގަނޑު ގޮވާލަން މިހާރުން މިހާރަށް ހެލްތު މިނިސްޓަރު އަމީން އެ މަގާމުން ވަކިކުރައްވަން. ބިޑު ކޮމިޓީގެ ޗެއާ ޔައުމިއްޔާ އޮޅުވާލި އޮޅުވާލުމަށް އެކަމަނާ ވެސް އެ މަގާމުން ވަކިކުރައްވަން. އަދި މިކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކެއް އިތުރަށް ރައްޔިތުންގެ މާލިއްޔަތުން ވައްކަން ކުރަން ފުރުސަތު ނުދީ ވަކިކުރުމަށް ގޮވާލަން" މީކާއިލް ވިދާޅުވިއެވެ.