ޚަބަރު އިޖުތިމާޢީ

މާރާމާރީ ހިންގަން އުޅުނު ގުރޫޕު ފިލައިފި، ހައްޔަރު ކުރެވުނީ އެކަކު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާލޭގައި މާރާމާރީ ހިންގަން އުޅުނު ގުރޫޕަކުން ފިލަން ދުވަނިކޮށް އޭގެ ތެރެއިން އެކަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

Ads by STELCO

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން މަސައްކަތް ކުރީ ރޭގެ ވަގުތެއްގައި މާލޭގެ އެންމެ ކާރޫ ބާރޫ ބޮޑު މަގު މަޖީދީ މަގުގައި ކަމަށެވެ. މަޖީދީމަގުގައި ހުންނަ "ޑައިންމޯ" ކައިރިން މީހަކު ހައްޔަރު ކުރީ ހައި ވިސިބިލިޓީ ފުލުހުންނެވެ.

ފުލުހުން ވިދާޅުވީ، ހައްޔަރު ކުރީ 25 އަހަރުގެ ޒުވާނެއް ކަމަށެވެ. އެހެން މީހުން ވަނީ ފިލައިގެން ގޮސްފައެވެ.

ދެމީހަކު ދުވެ ފިލީ އެމީހުން އައި ސައިކަލުތައްވެސް ދޫކޮށްލާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ދެ ސައިކަލު މިހާރު ޓޯކޮށްފައިވާއިރު ފިލި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މި މާރާމާރީ އިތުރަށް ތަހުގީގު ކުރަން ފަށާފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފަހަކަށް އައިސް މާރާމާރީގެ މައްސަލަތައް ރާއްޖޭގައި އިތުރުވެފައިވާއިރު މީގެ ހަތް ދުވަސްކުރިން ވަނީ ކުއްޖަކު ޒަހަމް ކޮށްލައިފައެވެ. އަދި އޭގެ ކުރިން ގެއަކަށް ވަދެ މާރާމާރީ ހިންގަން އުޅެނިކޮށް ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފައެވެ.

ދާދި ފަހުން ވަނީ ފުލުހަކަށް ހަމަލާ ދޭން އުޅުނު ގުރޫޕެއްވެސް ހައްޔަރުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!