ޓިކްޓޮކް ލައިވް އަކުން ޔޫސުފްއަށް ދިވެހިންގެ ދީލަތި އެހީތެރިކަން: ބައި ގަޑިއިރު ތެރޭގައި، 30،000އަށްވުރެ ގިނަ ރުފިޔާ!
ބޮލުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭ ޔޫސުފްއަށް ބައި ގަޑިއިރު ތެރޭގައި އާންމުންގެ އެހީގެ ގޮތުގައި 30،000އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
ޓިކްޓޮކްގައި މަޝްހޫރު ސަމާގެ ލައިވްއިން ޔޫސުފްގެ މައިންބަފައިން އާންމުގެ އެހީއަށް އެދިފައިވަނީ މީރޭގެ ވަގުތެއްގައެވެ. ލައިވް ފެށުމަށްފަހު ސަމާ ވަނީ ޔޫސުފްއަށް އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި ޔޫސުފްގެ ހާލަތު މައިންބަފައިން ވަނީ ކިޔާދީފައެވެ.
އެ ލައިވްގެ އެހީގައި ބައިގަޑިއިރު ތެރޭގައި ޔޫސުފްއަށް ވަނީ 30،000 އަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ. މިއީ ރާއްޖޭގައި ޓިކްޓޮކް ލައިވްއަކުން މިފަދަ މަންޒަރެއް ފެނުނު ފުރަތަމަ ފަހަރެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ޔޫސުފްއަށް ވަނީ ޖުމްލަ 51،666.27 ރުފިޔާ ލިބިފައެވެ.
2020ވަނަ އަހަރު އޮގަސްޓް މަހުގައި އުފަންވި ޔޫސުފަކީ ދުވަސްނުފުރާ 7 މަހުގައި ސިޒޭރިއަން ހަދައިގެން ނެގި ކުއްޖެކެވެ. ދުވާފަރުގައި ދިރިއުޅެމުންދިޔަ ޔޫސުފުގެ ޢާއިލާއިން މަޢުލޫމާތު ދިންގޮތުގައި ޔޫސުފްއަށް އެންމެ 12 ދުވަހުގައި ބޯ މާބޮޑަށް ބޮޑުވާން ފެށި ކަމަށް ފާހަގަކުރެވުނު ކަމަށެވެ. އަދި އެންއައިސީޔޫގައި އޮއްވާ ކުއްލިއަކަށް ފިޓް ޖެހި ސާޖަރީއެއްވެސް ކުރަން ޖެހުނު ކަމަށާއި މިހާތަނަށް 8 ސާޖަރީ ކޮށްފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
ޔޫސުފްގެ ބޮލުގެ ވަށަމިނުގެ ގޮތުގައި މިހާރުވެސް 56 ސެންޓިމީޓަރު ހުރެއެވެ. ބޯ ބޮޑުވުމުގެ އިތުރުން ޔޫސުފްގެ ލޮލުގެ ފެނުމަށް ވެސް އަސަރުކުރަމުންދާ ކަމަށް އާއިލާއިން މަޢުލޫމާތުދީފައިވެއެވެ.
މިއީވެސް ދިވެހިން ދެއްކި ނަމޫނާއެކެވެ. ޤަބޫލުކުރަންޖެހޭ ކަމަކީ ކޮންމެ އިންސާނަކީ އެންމެ ފުރިހަމަ ސިއްހަތެއްގައި ހުންނާނެ މީހެއް ނޫން ކަމެވެ. އެކި މީހުންނަށް ދިމާވާނީ އެކިއެކި ސިއްހީ މައްސަލަތަކެވެ. އަޅުގަނޑުމެންގެ ޒިންމާއަކަށް ވާންވީ މިހާރު ވެސް ދިވެހީން ދައްކަމުންދާ ނަމޫނާގައި ދެމިތިބުމެވެ. އެކަކު އަނެކަކާ އެހީތެރިވެ އަޅައިލުމެވެ. މާދަމާ، އެހެން މީހުންގެ އެހީއަށް އެދެން ޖެހޭނީ ތިބާ ކަމަށް ވުމީ ވެސް ވެދާނެ ކަމެކެވެ.
އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައިފައި ވެއެވެ.
مَثَلُ الْمُؤْمِنِينَ فِى تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى [رواه مسلم]
މާނައީ: “އެކަކު އަނެކަކުދެކެ ލޯބިވުމުގައްޔާއި އެކަކު އަނެކަކަށް ރަޙުމުކުރުމުގައްޔާއި އަދި އެކަކު އަނެކަކަށް އޯގާތެރިވުމުގައި މުއުމިނުންގެ މިޘާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ. ހަށިގަނޑުން ގުނަވަނަކަށް އުނދަގުލެއް ކުރިމަތިވާ ހިނދު، ނިދިނަގައިލައި ހުންއައިސް، މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވެއެވެ.”
މި ނަމޫނާގައި ދެމިތިބޭ ބައެއްކަމުގައި އަޅަމެން ލައްވާށިއެވެ. ޔޫސުފްއަށް އަވަސް ހަލި ޝިފާއެއް މިންވަރު ކުރައްވާށިއެވެ. އާމީން!