އިންޑިއާއިން ރާއްޖެއަށް ދިން މާލީ އެހީތެރިކަަމަކީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް ލިބުނު އެންމެ ބޮޑު އެހީ: އަމީރު
އިންޑިއާ އިން ރާއްޖެއަށް ދީފައިވާ އެހީތެރިކަމަކީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް މާލީ ގޮތުން ލިބުން އެންމެ ބޮޑު އެހީ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން 250 މިލިއަން ޑޮލަރުގެ މާލީ އެހީ ދިވެހި ސަރުކާރާއި ހަވާލުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ ދުނިޔެއަށް ދިމާވެފައިވާ ކޮވިޑު-19 ގެ މި ޢާލަމީ ވަބާ ގެ ސަބަބުން ރާއްޖެ ހިމެނޭހެން މެދުފަންތީގެ އިޤްތިޞާދުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު އިންޑިއާއިން ދިން މާލީ އެހީތެރިކަމަކީ ވަރަށް ބޮޑަށް ބޭނުން ހިފޭނެ އެއްޗެއް ކަމަށެވެ.
ހަމަމިއާއެކު، ކޮވިޑު-19 ގެ ސަބަބުން ދިވެހި ދައުލަތުގެ އާމްދަނީ 50 އިންސައްތަ ދަށްވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ޚަރަދުތައް ކުޑަ ކުރުމަށްޓަކައި، ދައުލަތުގެ މަތީފަންތީގެ މުސާރަ ލިބޭ ކެޓަގަރީގެ މުވައްޒަފުންގެ މުސާރަ ކުޑަ ކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ނުފެށި ހުރި ބައެއް އިންވެސްޓުމެންޓު ޕްރޮޖެކްޓުތައް ވަނީ ވަގުތީ ގޮތުން ހުއްޓާލެވިފައި ކަމަށާއި، މަރާމާތާއި ދަތުރުފަތުރު ކުރުމުގެ ހަރަދުތައްވެސް ވަނީ ކުޑަ ކުރެވިފައި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ގްރޭޓަ މާލެ ކަނެކްޓިވިޓީ މަޝްރޫޢުތަކަށް އިންޑިއާއިން 500 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވާއިރު އޭގެން 100 މިލިއަން ޑޮލަރަކީ ހިލޭ ދިން އެހީއެއް ކަމަށް ވެސް މިނސްޓަރު ވަނީ ވިދާޅުވެފައެވެ.
އިންޑިއާއިންް ރާއްޖެއަށް ދެމުން އަންނަ އެހީތެެރިކަމަށް ޓަކައި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.