ޖަލްސާ ނެތަސް، އިދިކޮޅުން މާދަމާ މަޖިލީހަށް ދާނެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތަސް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ މެންބަރުން މާދަމާ މަޖިލީހުގެ ތަޅުމަށް ވަންނަން ނިންމައިފިއެވެ.
މިއަދު މަޖިލީހަށް ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މާދަމާ ވެސް މަޖިލީހުގެ ތަޅުމަށް ވަންނާނެ ކަމަށެވެ. އަދި ތަޅު އަޅުވާފައި ހުއްޓަސް އިދިކޮޅުން މަޖިލީހަށް ވަންނާނެ ކަމަށް ސެކްރެޓަރީ ޖެނަރަލަށް ވެސް ދަންނަވާފައިވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ްއެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ 3 ބާރުގެ ތެރެއިން އެއް ބާރުކަމަށް ވީހިނދު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބޭއްވުމަކީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
“ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން މަރުތަޅު އަޅުވާފައި އޮތުމާއެކު މިހާރު ދިވެހި ދައުލަތް ހިނގަމުން މިދަނީ ޤާނޫނުއަސާސީގައި ބަޔާންކުރާ 3 ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ނޫންކަން ފާހަގަކުރަން” ސަލީމް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުންގެ މަޖިލިސް މެމްބަރުން ވަނީ މަޖިލީހުގައި މިއަދު އިހުތިޖާޖުކޮށް، ޖަލްސާ ކުރިއަށް ގެންދެވޭނެ ޖާގަ ހޯދައި ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.