މަޖިލިސް މެމްބަރުންނާއި ސިޔާސީ އިސް ބޭފުޅުން ކުރިޔަށްއޮތް ދުވަސްތަކުގައި އެމްޑީޕީއާ ގުޅޭނެ: ރައީސް ޞާލިޙް
މަޖިލިސް މެމްބަރުންނާއި ސިޔާސީ އިސް ބޭފުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އެމްޑީޕީއާ ގުޅޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ބޭއްވި ހަފްލާއަށް ފަހު ސޯލްޓް ކެފޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މަޖިލިސްމެމްބަރުންނާއި ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެމްޑީޕީއާ ގުޅޭނެ ކަމަށެވެ.
“ ގުޅިވަޑައިގަންނަވާނެ. އާންމުންގެ ތެރެއިން ވެސް އަދި އިސް ސަފުގަ ސިޔާސީ ހަރަކާތްތަކުގަ އިސް ސަފުގަ ހަރަކާތްތެރިވާ ކިތަންމެ ބޭފުޅުންނެއް ކުރިޔަށްއޮތް ތަނުގަ މި ޕާޓީއާގުޅުގެންދާތަން ރި ބޭފުޅުންނަށް ފެނިގެން ދާނެ” ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ ވެރިކަމުގެ މިހާތަނަށް އައިއިރު މަސައްކަތް ކުރައްވާފައިވާނީ ގާނޫނު އަސާސީ އާއި ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި އެމަނިކުފާނާ ކިތަންމެ އަރިސް ބޭފުޅަކާ ގުޅޭމައްސަލައަކަށް ވިޔަސް އަމަލުކުރައްވަމުން ގެންދަވަނީ އެ އިމުގެ ތެރެއިން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިވަން މުއައްސަސާތަކަށް ވެސް ދުވަހަކު ވެސް ނުފޫޒު ނުފޯރުވާ ކަމަށާއި އަދި އެއީ ކުރިއަށް އޮތްތަނުގައި ކުރައްވާނެ ކަމެއް ނޫންކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސްޞާލިޙް ވިދާޅުވިއެވެ.