މާލެ ސިޓީ ކައުންސިލުން ބާއްވާ ކުޑަކުދިންގެ ހަވީރު މިއަދު އޮންނާނެ

އަޟްޙާ ޢީދުގެ މުނާޞަބަތުގައި މާލެސިޓީ ކައުންސިލުން ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 އިން 18:00 އަށް ސަލްޓަންޕާކުގައެވެ. ކުޑަކުދިންގެ ހަވީރުގައި ކުރެހުމާއި ކުލަޖެއްސުމާއި، މިނޫންވެސް ފަންނުވެރި ކަމާއި ގުޅޭ ޙަރަކާތްތައް އެކުލެވިގެން ދާނެ ކަމަށް ކައުންސިލުން ހާމަކުރެއެވެ.
މާލެސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި ހަވީރަކީ މާލެސިޓީ ކައުންސިލާއި ފެސްޓިވޯ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ ޙަރަކާތެކެވެ.
މި ހަވީރުގެ މަޤްޞަދަކީ އާރޓް އެންޑް ކްރާފްޓްގެ ދާއިރާއަށް ކުޑަކުދިން އަހުލުވެރި ކުރުވުމާއިއެކު މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ކުޑަކުދިންނަށް ޢާއިލާ އާއިއެކު އަޟްޙާ ޢީދު އުފާވެރި ޢީދެއްގޮތުގައި ފާހަގަކުރުން ކަމަށްވެސް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
މިއަދު ބާއްވާ މި ހަވީރުގައި މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރި ވަޑައިގަންނަވާނެއެވެ.
މާލެސިޓީ ކައުންސިލާއި ފެސްޓިވޯ އިންސްޓިޓިއުޓް ގުޅިގެން މީގެ ކުރިންވެސް ސަލްޓަން ޕާކުގައި ވަނީ މިފަދަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.