"ސޭވް އެފްއޭއެމް"ގެ ފުރަތަމަ ބައްދަލުވުން މިރޭ

އެފްއޭއެމް ރިފޯމްކުރަން ގޮވައިލައި ފެށި ސޭވް އެފްއޭއެމްގެ ފުރަތަމަ ބައްދަލުވުން މިރޭ ބާއްވަން ނިންމައިފިއެވެ.
މި ކެމްޕޭނަކީ ރާއްޖޭގެ ފުޓްބޯޅަ ރިފޯމްކުރަން ގޮވާލައި، ފުޓްބޯޅައިގައި ކުރިން މަސައްކަތްކުރެއްވި ބައެއް ބޭފުޅުން އިސްނަގައިގެން ފަށާފައިވާ ހަރަކާތަކަށްވާއިރު، މިރޭގެ ބައްދަލުވުމުގައި ފުޓްބޯޅައިގެ މިވަގުތުގެ ޙާލަތާއި އަދި ކުރިމަގާ ބެހޭގޮތުން ވާހަކަދެއްކުން އޮންނާނެއެވެ.
މި ބައްދަލުވުން އޮންނާނީ ޝީ ބިލްޑިންގެ ތިންވަނަ ފަންގިފިލާގައި ހުންނަ އަސަރީ މާލަމުގައި މިރޭ 8:45 ގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިރޭގެ ބައްދަލުވުމުގައި ބައިވެރިވުމަށް، ރާއްޖޭގެ ޤައުމީ ޓީމަށް ކުރިން ކުޅުނު ކުޅުންތެރިންނާއި، ފުޓްބޯޅައިގެ ކުރީގެ ހިންގުންތެރިންނާއި، ރައްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅައިގައި ޝާމިލުވާ ކްލަބްތަކަށްވެސް ދަޢުވަތު އަރުވާފައިވާކަމަށް އެ ހަރަކާތުން ބުނެފައިވެއެވެ.
"ސޭވް އެފްއޭއެމް" ސްލޯގަންއާއެކު ފެށި މި ކެމްޕެއިނަކީ ސާފް ޗެމްފިއަންޝިފުގައި ގްރޫޕު ސްޓޭޖުން ފުރަތަމަ ފަހަރަށް ރާއްޖެ މިފަހަރު ކެޓުމާއި ގުޅިގެން، ފުޓްބޯޅައިގައި ހުރި މައްސަލަތަކާމެދު ކަންބޮޑުވާ ބޭފުޅުންތަކެއް އެއްވެގެން ފެށި ކެމްޕޭނެކެވެ.