މަނާ ބޭހާއި ބަނގުރާ ގެންގުޅުނު ބިދޭސީންތަކެއް ބަންދުކޮށްފި
މަނާ ބޭހާއި ބަނގުރާ ގެންގުޅުނު ބިދޭސީންތަކެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މަސްތުވާތަކެތި އަދި މަނާ ބޭސް ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމާއި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންދު ކުރީ ހަ ބިދޭސީ އެކެވެ. އެމީހުންނަށް ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖެހީ އިއްޔެއެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވަނީ އެމީހުންނަށް ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ.
އެގޮތުން އެމީހުން ބަންދު ކުރީ ކޯޓަށް ހާޒިރު ނުގެ ފިލައިގެން ގޮސްދާނެކަމުގެ އިހްތިމާލެއް އޮތުމުންނެވެ. މައްސަލައިގައި ޝާމިލުވާ ހަ ބިދޭސީންގެ ތެރެއިން ފަސް މީހުންނަކީ އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނެވެ.
މި މައްސަލައިގައި ހިމެނޭ ބައެއް މީހުން ދިރިއުޅޭ ކޮޓަރިން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.
މީގެ އިތުރުން އެކޮޓަރީގެ ތެރެއިން ގިނަ އަދަދެއްގެ ބޭސް ގުޅަތަކެއް ފެނިފައިވާ ކަމަށާއި އެތަކެތީގައި މަސްތުވާއެއްޗެއް އެކުލެވޭކަމަށް ޝައްކު ކުރެވޭކަމަށް މައްސަލަ ތަހުގީގު ކުރި އޮފިސަރު ވަނީ ބުނެފައެވެ.
އަދި ފުލުހުން ބުނީ މައްސަލައިގައި ޝާމިލުވާ އެކަކު ހުރީ މަސްތުވެގެންކަމަށް ޝައްކު ކުރެވޭ ކަމަށެވެ.