ޚަބަރު

ހަފީޒު އަދިވެސް ހެއެއް ނާރާ، އޮތީ ވެންޓިލޭޓަރުގައި

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ސަން އޮންައިން (ހަފީޒް ގައިގައި ޖެހުނުކަމަށް ބުނާ ސައިކަލް)

މިދިޔަ މަހު 28 ވަނަ ދުވަހު މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އަނިޔާވި އަލީ ހަފީޒް (50އ) އަށް އިންޑިއާގެ އަމްރިތާ ހޮސްޕޓަލުން ފަރުވާދެމުންދާއިރު، ހަފީޒު އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށާއި، ނަމަވެސް ހަފީޒުގެ ޙާލަތަށް ކުރިއެރުންތަކެއް އަންނަމުންދާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

Ads by MWSC

ހަފީޒްގެ ގައިގާ، ސައިކަލަކުން ޖެހުނީ އޭނާ ފަތިސް ނަމާދުކޮށްގެން މިސްކިތުން ފައިބައި، މަގުމައްޗަށް ނުކުތް ވަގުތުއެވެ.

އެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ހަފީޒަށް ލިބިފައިވީނަމަވެސް ހަފީޒްގެ ސިކުނޑިއަށް ގެއްލުމެއް ލިބިފައިނުވާކަން އެނގިފައިވެއެވެ. މިދިޔަ އަންގާރަ ދުވަހު އޭނާ ވަނީ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ފުރުވާލާފައެވެ.

ހަފީޒް ބޭރަށް ފުރުވުމުގައި، އާންމުންނާއި ސަރުކާރުގެ އެހީ ލިބިފައިވާކަމަށް މަޢުލޫމާތުލިބޭއިރު، އަމްރިތާ ހޮސްޕިޓަލުން އެންމެ ފުރަތަމަވެސް ކުރީ ހަފީޒްގެ ފައިގެ އޮޕަރޭޝަނެއްކަމަށާއި އޭގެ ފަހުން މޫނުމަތީގެ އޮޕަރޭޝަނެއްކުރަން ހަމަޖެހިފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

"އަދިވެސް ހެއެއް ނާރާ. އެކަމަކު ހާލަތަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް އެބަ އާދޭ. އެހެންވެ، ޑޮކްޓަރުން ދަނީ މަޑުމަޑުން އޭނާގެ ސެޑޭޝަން ދަށްކުރަމުން،" ހަފީޒްގެ ގާތްމީހަކާއި ޙަވާލާދީ އޮންލައިން ނޫހަކުން ބުނެފައިވެއެވެ.

ހަފީޒް ގައިގައި ސައިކަލުން ޖެހި އަނިޔާވި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޝަމްއާން ޢަބްދުއްޝުކޫރު (ލެގޫންވިއު، ރ. އިނގުރައިދޫ) ނަމަކަށް ކިޔާ 22 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.

އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެ، އޭނާ މައްޗަށް ކުރާ ތުހުމަތު ވުޖޫދުވުމުގެ ފުރުޞަތު އޮތަތީ، ކަފާލާތު ނުދީ 15 ދުވަހަށް އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!