ޚަބަރު

މިހާތަނަށް 13 ރިސޯޓަކުން 8 ޓޫރިސްޓުންނާއި 13 މުވައްޒަފުން ކޮވިޑަށް ފައްސިވެފައިވޭ: އެޗްޕީއޭ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ނިއު ނޯމަލްގައި ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 13 ރިސޯޓަކުން 8 ޓޫރިސްޓުންނާއި 13 މުވައްޒަފުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފި އެވެ.

Ads by MWSC

އެޗްޕީއޭއިން މިރޭ ބުނީ 13 ރިސޯޓަކުން 8 ފަތުރުވެރިން ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި އަދި ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދާ 13 މުވައްޒިފަކު ވެސް ފައްސިވެފައިވާ ކަމަށެވެ. ނަމަވެސް އެ ރިސޯޓުތަކުގެ ނަންތަކެއް އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން ފުރަތަމަ ކޮވިޑަށް ފައްސިވެފައިވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިއެކެވެ. އޭގެ ފަހުން މިމަހުގެ ހަތަރުވަނަ ދުވަހު ރާއްޖެއިން ފުރަން ވެގެން ޓެސްޓްކުރި ފަތުރުވެރިއަކު ވެސް ވަނީ ކޮވިޑަށް ފައްސި ވެފައެވެ.

ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ، މިއަދު އެކަނިވެސް 170 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 6079 އަށް އަރާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!