ރިޔާސީ އިންތިހާބުގައި ގުރައިދޫ ދާއިރާއިން ބޮޑު އަގުލަބިއްޔަތެއް ލިބޭނެ: ރައީސް ޞާލިޙް
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ގުރައިދޫ ދާއިރާއިން ބޮޑު އަގުލަބިއްޔަތެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރެއިން މިހާރު ކ. ގުރައިދޫ ދާއިރާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކ.ގުޅިއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެ އަތޮޅުގައި ފެނާއި ނަރުދަމާއާއި، ބަނދަރުގެ ދަތިކަމާއި، ސިއްހީ ފަރުވާ ހޯދުމާއި، ތައުލީމު ހޯދުމަށްވެސް މީގެ ކުރިން ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.
އެހެން ސަރުކާރުތަކުން މި ކަންތައްތައް ނުކޮށްދިން ނަމަވެސް މިހާރު މި ސަރުކާރުން އެންމެ އިސްކަމެއް ދިނީ އަސާސީ ހިދުމަތްތައް ގާއިމްކުރުމަށްކަމަށް ރައީށް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ އަމާން ކަމާއި ސުލްހަވެރި ކަމާއިއެކު ދިރި އުޅެންކަމަށެވެ. އަދި މިވެރިކަމުގައި ދިވެހި ރައްޔިތުންނަށް ހޯދައިދިން ޔަގީންކަމަކީ އަނިޔާވެރިކަމާއި ދުރު ތަރައްޤީގެ ކުރިމަގެއް ހޯދައި ދިނުންކަމަށާއި، އެކަން މިއަދު ދިވެހި ރައްޔިތުންނަށް ޔަގީން ވެފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.