ޤާސިމްގެ ފަޅު ވިއްކުން ހުއްޓުވި އެންގުން ބާތިލު ކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ކ. ވާވެއްދިފަޅު ވިއްކުން ހުއްޓުވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުން ބާތިލު ކޮށްފިއެވެ.
އޭސީސީން ވާވެއްދިފަޅު ވިއްކުން ހުއްޓުވީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
އޭސީސީން މިއަދު ވިދާޅުވީ ވާވެއްދި ފަޅު ވިއްކުން ހުއްޓުވުމަށް އެ ކޮމިޝަނުން އެންގި އެންގުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
އެގޮތަށް ނިންމީ އެ ނިންމުން އިތުރަށް ދަމަހަށްޓަން ޖެހޭ ކަމަށް ކޮމިޝަނަށް ނުފެންނާތީ ކަމަށް ވެސް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިލާއަށް ވާވެއްދިފަޅު ކުއްޔަށް ދީފައިވަނިކޮށް 2015 ވަނަ އަހަރު އެއްބަސްވުން ބާތިލުކޮށް މިނިސްޓްރީން ވަނީ އެ ރަށް އަނބުރާ ސަރުކާރަށް ނަގައިފައެވެ. މިނިސްޓްރީން އެ ރަށް އަތުލީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެއެވެ.
ވިލާގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން ވަނީ ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުން ބާތިލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޙުކުމްކޮށްފައެވެ.