ޚަބަރު ސިޔާސީ

“އިންޑިއާ ފަސްޓް”އަކީ ޔާމީންގެ ސިޔާސަތެއް، އެކަމަކު އެކަން ދެމެހެއްޓެވި ވެރިޔަކީ ރައީސް ޞާލިހް: ޝާހިދު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އިންޑިއާގެ ބޮޑުވަޒީރުކަމަށް ނަރެންދުރަ މޯދީ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ ފުރަތަމަ އިންޑިއާއަށް ވަޑައިގެން އިތުބާރު ކުރައްވަން އެދިވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެހެންނަމަވެސް އެއިތުބާރު ދެމެހެއްޓެވި ހަމައެކަނި ވެރިޔަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ދަ ޕްރިންޓު ކިޔާ އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ދައުރުން ފެށިގެން އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތަކާއި ގުޅޭގޮތުން ޝާހިދު ވާހަކަ ދެއްކެވި އެވެ. އޭގެ ތެރޭގައި ސުނާމީ ކާރިސާއާއި ގުޅިގެން ފޯރުކޮށްދިން އެހީތެރިކަމާއި، ފެނުގެ ކާރިސާއާއި ގުޅިގެން ފޯރުކޮށްދިން އެހީތެރިކަމުން ފެށިގެން ގޮސް ކޮވިޑް-19 ގައި އިންޑިއާ ސަރުކާރުން ފޯރުކޮށްދިން އެހީތައްވެސް ފާހަގަކުރެއްވި އެވެ.

ރައީސް ޞާލިހާއި ބޮޑުވަޒީރު މޯދީގެ ގުޅުމާއި ގުޅޭގޮތުން ސުވާލު ކުރުމުން ޝާހިދު ވިދާޅުވީ ދެބޭފުޅުން މަސައްކަތް ކުރައްވަނީ ވަރަށް ގާތުން ކަމަށެވެ. އެހެންކަމުން ދެގައުމުގެ ގުޅުން މީގެ ކުރިން ބަދަހި ނުވާ މިންވަރަށް މިހާރު ބަދަހިވެފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ.

"ރާއްޖޭގެ ސިޔާސީ ދާއިރާގައި އަޅުގަނޑު މަސައްކަތް ކުރާތާ ވަރަށް ދުވަސް ވެއްޖެ. އެކި ރައީސުންގެ ދައުރުގައި މަސައްކަތް ކުރެވިއްޖެ. މިއީ ފޮރިން މިނިސްޓަރުގެ ގޮތުގައި އަޅުގަނޑުގެ ދެވަނަ ދައުރު. ދެގައުމުގެ ގުޅުން ބަދަހިވެގެން ދިޔަ ގޮތް އަޅުގަނޑަށް އިނގޭ" ޝާހިދު ވިދާޅުވި އެވެ.

އިންޑިއާ ފަސްޓް ސިޔާސަތު އެންމެ ފުރަތަމަ އިއުލާން ކުރެއްވީ ރައީސް ޔާމީންކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ އެ ސިޔާސަތު އެމަނިކުފާނަށް ދެމެހެއްޓެވިފައި ނުވާކަމަށެވެ. ޝާހިދު ވިދާޅުވީ ރައީސް ޞާލިހަކީ ވައުދެއް ވެއްޖެނަމަ އޭގެ އިތުބާރު ދަމަހައްޓަވާނެ ބޭފުޅެއްކަން މިދިޔަ ފަސް އަހަރުން ފެނިގެން ގޮސްފައިވާ ކަމަށެވެ.

ޕްރެޒެންޓަރު ވަނީ ރައީސް ޔާމީން އިންޑިއާ ފަސްޓް ސިޔާސަތުގައި ނުހިފެހެއްޓެވީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ. އެސުވާލަށް ޖަވާބު ދެއްވަން އިންކާރު ކުރައްވަމުން ޝާހިދު ވިދާޅުވީ ރައީސް ޔާމީން އަރިހުން ނުވަތަ ޕީޕީއެމްގައި އެސުވާލު އެހުން ބުއްދިވެރިވާނެ ކަމަށެވެ.

އިންޑިއާ އައުޓު ކެމްޕެއިނާއި ގުޅޭގޮތުންވެސް ޝާހިދު ވާހަކަ ދެއްކެވި އެވެ. ވިދާޅުވީ އެއީ ނަފުރަތު އުފެއްދުމުގެ ގޮތުން ރައީސް ޔާމީން އިސްވެ ހުންނަވައި ޕީޕީއެމްއިން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ. އެކެމްޕެއިން ހުއްޓައިލަން އިދިކޮޅުން އުޅޭކަމުގެ ވާހަކަތަކެއް ދެކެވޭތީ އެކަމާއި ގުޅޭގޮތުންވެސް ޕްރެޒެންޓަރު ސުވާލު ކުރި އެވެ. ޝާހިދު ވިދާޅުވީ އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ.

"އެކަމަށް މަރުހަބާ ކިޔާނަން. އެއީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ނަފުރަތު އުފެއްދިގެން ނުވާނެތީ. އިންޓިއާ އައުޓު ކެމްޕެއިން ހުއްޓާލައިފިނަމަ އަޅުގަނޑު ވަރަށް އުފާވާނެ. މިފަދަ ކެމްޕެއިނެއް ދިގު މުއްދަތަކަށް ދެމިގެންދާނަމަ އޭގެ ސަބަބުން ލިބޭ ގެއްލުން ވަރަށް ބޮޑުވެދާނެ" ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ބައިބައިވުމާއި ގުޅޭގޮތުންވެސް ޕްރެޒެންޓަރު ސުވާލު ކުރި އެވެ. ޝާހިދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވުމުން އެކަމާއި ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު އެމްޑީޕީގައި ހުންނެވިނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެޕާޓީއަށް ކާމިޔާބުކުރަން ވަރަށް ފަސޭހަ ވީސްކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ސިފަކުރެއްވި ގޮތުގައި ރައީސް ނަޝީދު ވަޑައިގެންނެވީ އެމަނިކުފާނުގެ ސަޕޯޓަރުންނާއިއެކު އެވެ. އެހެންނަމަވެސް އެމްޑީޕީ ފަޅިއެއް ނުކުރެވެ އެވެ. އަދި ޝާހިދުވެސް ހުންނެވީ ރައީސް ޞާލިހާއިއެކު ސާބިތުވެކަމަށް ވިދާޅުވި އެވެ.

2018 ވަނަ އަހަރު އެމްޑީޕީން އުފެއްދި ކޯލިޝަން މިހާރު އޮތީ ރޫޅިފައިނޫންތޯ ޕްރެޒެންޓަރު ސުވާލު ކުރި އެވެ. ޖަވާބުގައި ޝާހިދު ވިދާޅުވީ ކޯލިޝަން ރޫޅުނުކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެއީ ކޯލިޝަން ޕާޓީތަކުގެ ވަޒީރުން އަދިވެސް ކެބިނެޓުގައި ތިއްބެވުމުންކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް އިންތިހާބަކީ ފަސޭހަ އިންތިހާބެއް ނޫން. އެކަމަކު ރައީސް ޞާލިހު ގައުމަށް ގެނުވި ހަމަޖެހުމާއިއެކު މިއިންތިހާބު އެމަނިކުފާނަށް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް" ޝާހިދު ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!