ށ. ފޯކައިދޫގައި ނުވަ މީހަކު ސެލްފް އައިސޮލޭޝަންގައި ތިބި ކަމަށާއި އޭގެ ތެރެއިން އެކަކު ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް މިއަދު ގެންދާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮރޯނާ ވައިރަހާ ގުޅޭ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ފޯކައިދޫގައި ނުވަ މީހަކު ހޯމް އައިސޮލޭޝަންގައި އެބަ ތިބި ކަމަށާއި، މިއަދު 4:30 ހާއިރު އޭގެން އެކަކު ކަރަންޓީން ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދެވޭނެ ކަަމަށެވެ.
އަދި ހިންނަވަރުގައި ސެލްފް އައިސޮލޭޝަންގައި މީހަކު ހުރިއިރު، އޭނާގެ ޓެސްޓުތައް މިއަދު 4:00 ޖަހާއިރު ނަގާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫޖް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން 63 ސާމްޕަލެއް ޜާއްޖޭގައި މިހާތަނަށް ނެގިފައިވާ ކަމަށާއި. މީގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 4 މީހަކު ކަމަށެވެ.
"43 މީހަކު ނެގެޓިވް ވެފައިވާކަން ނަތީޖާއިން ދައްކާފައިވަނީ. އޭގެތެރޭގައި އިންޑިއާއަށް ފޮނުވައިގެން ޓެސްޓް ހެދި ސާމްޕަލްތަކާއި ރާއްޖޭގައި ހެދި ޓެސްޓްތައް ހިމެނޭ. އެކަކުގެ ނަގާނީ އެއް ސާމްޕަލެއް ނޫން. އެކަކުގެ ދެ ސާމްޕަލެއްވެސް ނަގާފާނެ. އެއީ ކަށަވަރު ކުރުމުގެ ގޮތުން އެއް ސާމްޕަލަށްވުރެ ގިނައިން ސާމްޕަލް ނަގަމުން ދަނީ". އޭނާ ވިދާޅުވިއެވެ.
ކުރެއްދޫ ރިސޯޓްގެ ބިދޭސީ ދެ މުވައްޒަފު މިހާރު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ މީހުން ވެސް ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. ކުރެއްދޫ ރިސޯޓް މިހާރު އޮތީ މީހުން އަރާ ފޭބުން މަނާކޮށްފަ އެވެ.
އެ ރަށުގައި މި ވަހުތު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަ ތިއްބެވެ. ޓޫރިސްޓުންގެ ތެރޭގައި 11 އިޓަލީގެ މީހަކު ހިމެނެ އެވެ.