ފެންނަ ކޮންމެ ކަމަކަށް ފާޑު ކިޔުން: ދިވެހިންގެ ތެރޭގައި ހަރުލާފައި އޮތް ނުރަނގަޅު އާދަައެއް
މި ވާހަކަ އަކީ ބަޔަކު މީހުން ގަބޫލު ކުރަން ބޭނުން ނުވާ ވާހަކަ އަކަށް ވެސް ވެދާނެއެވެ. އަދި މި ވާހަކަ ދެއްކުމުން ބަޔަކު މީހުންގެ ގާތަށް ރުޅި އަންނަ ވާހަކަ އަކަށް ވެސް ވެދާނެއެވެ. ނަމަވެސް ހަގީގަތް ވާނީ ހަގީގަތަށް ތާއެވެ.
އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ މި ކުޑަކުޑަ މުޖުތަަމައު ތެރޭގައި އުޅޭ ގިނަ ބައެއްގެ ކިބައިގައި ހަރުލާފައިވާ ނުރަނގަޅު އެއް އާދަ އަކީ މީހަކު ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް އެކަމަކާމެދު ފާޑު ކިޔުމެވެ. ފެންނަ ކޮންމެ ކަމަކަށް ފާޑު ކިޔުމެވެ. ކިތަންމެ ރަނގަޅަކަށް މީހަކު ކަމެއް ކުރި ކަމުގައި ވިޔަސް އެކަމަކަށް ފާޑު ނުކިޔާނެ ގޮތަކީ ނެތް ގޮތެކެވެ.
އެންމެ ފުރަތަމަ މި މައުޟޫއުއަށް ލިޔަން ފެށުމުން އަޅުގަނޑުގެ ޚިޔާލަށް އަންނަނީ ދިވެހި ގައުމީ ޓީމުގެ ވާހަކަ އެވެ. ދިވެހި ގައުމީ ފުޓްބޯޅަ ޓީމު މެޗަކުން ބަލިވެއްޖެ ނަމަ ދިވެހީން އެ ކުޅުންތެރިން ރޮލާ ކާލަފާނޭހެން ވެސް ބައެއް ފަހަރަށް ހީވެއެވެ. ރާއްޖޭގެ ފުޓްބޯޅަ ކުރިއެއް ނާރައޭ ޓީމު ގޮވައިގެން މަހަށް ދާށޭ އަދިވެސް މިފަދަ ދަށު ދަރަޖައިގެ އެއްޗިހި ޓީމާއި ދިމާލަށް ކިޔާ ޓީމު ދަށް ކޮށްލާނެއެވެ.
މީގައި މޮޅު ކަމަކީ ގައުމީ ޓީމަށް ކިތަންމެ ވަރަކަށް އެއްޗެހި ކީ ކަމުގައި ވިޔަސް މޮޅުވެގެން ކާމިޔާބީއެއް ހޯދައިފި ނަމަ އެންމެންވެސް ފަޚުރުވެރި ވާތީއެވެ. އޭރުންގައުމީ ޓީމަކީ “އަހަރެންގެ ޓީމް”އަށް އޮންނަނީ ވެފައެވެ. ނަމަވެސް ހަގީގަތުގައި ދިވެހި ޓީމު ބަލިވި ކަމުގައި ވިޔަސް ދިވެހިން އެ ޓީމާމެދު ފަހުރުވެރިވާން ޖެހޭނެކަން ޔަގީނެވެ. ކުޅިވަރުގައި މޮޅުވާނީ ކޮންމެވެސް އެއް ބައެއް ކަމާއި މޮޅަށް ކުޅެވޭ ދުވަހާއި ދަށްކޮށް ކުޅެވޭ ދުވަސްތައް ވެސް އަންނާނެ ކަން ގަބޫލުކުރަން ޖެހޭނެއެވެ. ބަލިވިކަމުގައި ވިޔަސް މޮޅުވި ކަމުގައި ވިޔަސް ޓީމުގެ ފަހަތުގައި ތިބެން ވާނެއެވެ.
ބުނަން މިއުޅޭ ވާހަކަ އަކީ އެ މެޗުގައި ކުޅުންތެރިންނަށް ކުރާ ޕްރެޝަރު އަދި މެޗުގެ އުނދަގޫ ކަން އެނގޭނީ ހަމަ އެކުޅުންތެރިންނަށެވެ. އެހެން ކަމުން ގޭގައި އަރާމުގައި ފޯން ހިފައިގެން އޮންނަ މީހަކު ޓީމާ ދިމާލަށް އެއްޗެހި ކިޔުމަކީ ހަގީގަތުގައި ވަރަށް ދަށު ފެންވަރުގެ އަމަލެކެވެ.
ރާއްޖޭގައި މީގެ ކުރިން ވިޔާނުދާކޮށް އުޅުނު މީހަކު އިސްލާހުވެ ރަނގަޅަށް އުޅެން ފެށި ނަމަވެސް އެމީހަކަށް ލިބޭނީ ހުތުރު ނަމެކެވެ. އެމީހަކީ ދެއްކުންތެެރިކަމަށް އުޅޭ މީހެއް ކަމުގައި ތުހުމަތުކޮށް އެމީހެއްގެ އުުޅުމާ ދޭތެރޭ ފާޑު ކިޔާނެއެވެ.
މިގޮތަށް މިކަން ވާތީ އަޅުގަނޑުގެ ހިތަށް ބައެއް ފަހަރަށް އަރައެވެ. އެގޮތަށް ފާޑުކިޔައި މަލާމާތް ކުރާ މީހުންނަށް އަނެކާގެ ހިތުގައި އޮންނަ އެއްޗެއް ވެސް އެނގެނީ ބާވައެވެ.
މި ނިމުނީއެއް ނޫނެވެ. އޮންލައިން ނޫސްތަކުން ފެންނަ ލިޔުންތަކަށް ވެސް ބަލާނުލައި އެއްޗެހި ކިޔާތަން ފެނެއެވެ. އެގޮތުން ފެންނަ ނުރަނގަޅު އާދަ އަކީ ލިޔުމެއްގެ ވެސް ސުރުހީ ކިޔާލުމަށް ފަހު ލިޔުންތެރިޔާ އާއި ދިމާލަށް އެއްޗެހި ކިޔުމެވެ.
ނޫސްވެރިންވެސް ބައެއް ފަހަރަށް ނުރަނގަޅު އެއްޗެހި ލިޔެފައި ހުރެދާނެ ކަން އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. އަދި ގޯސް ނަމަ “ބިނާކުރުވަނިވި” ފާޑުކިޔުމެއް ކިޔުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ހަމައެކަނި ސުރުހީ ކިޔާލުމަށްފަހު އެއްޗެހި ކިޔާ ނަމަ އެއީ “ބިނާކުރުވަނިވި” ފާޑު ކިޔުމެއް ނޫނެވެ. އެއީ ކުރެވޭ މަލާމާތެކެވެ.
ހަނގާ ކުރުމާއި ދެކޮޅަށް މީސްމީޑިއާގައި ދިވެހީން ވަރަށް ގިނައިން ވާހަކަ ދައްކާތަން ފެނެއެެވެ. ނަމަވެސް މީހަކަށް މީސްމީޑިއާގައި ހަނގާ ކުރަން ފަށައިފި ނަމަ ދިވެހިންގެ “އެއްބައިވަންތަަކަން” ފެނެޔޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ވާގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. ނަމަވެސް ކޮންމެ މީހަކު ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރި ކަމުގައި ވިޔަސް ދިވެހީންގެ ތެރޭގައި ހަރުލާފައިވާ އެއް އާދައަކީ އެކަމަކަށް ފާޑު ކިޔުމެވެ. މަލާމާތް ކުރުމެވެ. އެކަމަކާ މެދު ގޮތް ކިޔުމެވެ.
މީހަކު ގޯސް ކަމެއް ކުރުމުން އެމީހެއްގެ ގާތުގައި އެ ވާހަކައެއް ބުނުމަކުން މައްސަލައެެއް ނެތެވެ. ބިނާ ކުރުވަނިވި ފާޑުވެސް ކިޔަން ވާނެއެވެ. ނަމަވެސް މީހަކު ކަމެއް ކޮށްލާއިރަށް ސަބަބެއް ނެތި ފާޑު ކިޔާނަމަ ތިޔަ ކިޔެނީ ފާޑެއް ނޫނެވެ. ތިޔަ ކުރެވެނީ މަލާމާތެވެ.
މި ގައުމުގައި ބަޔަކު ކޮންމެ ކަމެއްކުރިޔަސް ތާކުންތާކު ނުޖެހޭ ބޭކާރު އަދި މި މިޖުތަމަ އާއި ގުޅުމެއްނެތް އެއިން އިބްރަތެތް، ރަނގަލު ހިޔާލެއް ބަޔަކަށް ނުލިބުނަސް ވިޔާނުދާ ކަމަކަށްވިޔަސް އެކަމެެއް މާމޮޅުކޮށްގެން ލިޔެލާނެ ތިމާއަށް މޮޅުވީމާ. އެހިސާބުން ފާޑުކީމަ ދެން ހޭލެވޭއިރު އަވިގަދަވެ ހޫނުވެފަ އޮންނަނީ. ކޮންމެ ކަމަކަށްވެސް ފާޑުކިޔާނެ އެކަމަކު މީހުންގެ އަބުރާބެހި ބަދްދުއާ ކުރާހިސާބަށް ގެންދަނީ ލިޔުންތެރިންގެ ސަބަބުން. ޚޮންމެކަމެއް މާމޮޅުކޮށްގެން.