ޚިޔާލު ރިޕޯޓް

ޓިކްޓޮކް: ޒުވާބު ހޮޅުއަށްޓަކަށް ބަދަލުވެ، އަވަގުރާނަ ގޮވަނީ

އާއިޝަތު އަލީނާ ، ދެން އޮންލައިން

ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަކީ ދިވެހިންގެ ތެރޭގައި ހާއްސަކޮށް ޒުވާން ދިވެހިންގެ ތެރޭގައި މަގުބޫލު މުނިފޫހިފިލުވުމުގެ ޒަރިއްޔާ އެކެވެ. އިންސްޓަގްރާމް، ފޭސްބުކް، ޓުވިޓާ، މެސެންޖާގެ އިތުރުން ޓިކްޓޮކް އަކީވެސް ދިވެހިންގެ އާބާދީގެ ބޮޑު ބައެއް ބޭނުންކުރާ ޕްލެޓްފޯމުތަކެކެވެ. މިއިން ކޮންމެ ޕްލެޓްފޯމަކީ ތަފާތު ބޭނުމެއްގައި ބޭނުންކުރާ އެއްޗެކެވެ.

Ads by MWSC

މިސާލަކަށް އިންސްޓަގްރާމަކީ އަހަރުމެންގެ ފޮޓޯ އަލްބަމެވެ. ޓްވިޓާއަކީ ސިޔާސީ ހޮޅުއަށްޓެވެ. ފޭސްބުކަކީ މީމް ޝެއާ ކުރާ ސާކަސްއެވެ. މެސެންޖާ ބޭނުންކުރަނީ ފްލާޓު ކުރާށެވެ. ދައްކަން މި އުޅެނީ ޓިކްޓޮކްގެ ވާހަކައެވެ.

މިޔުޒިކަލީގެ ނަމުގައި ފުރަތަމަ އުފެދިގެން އައި މި ޕްލެޓްފޯމަކީ މިޔުޒިކް އަދި ނެށުމާއި ގުޅުންހުރި ޕްލެޓްފޯމެކެވެ. އެކަމަކު މިހާރު މި ޕްލެޓްފޯމަކީ މިއަށްވުރެއް މާ ފުޅާކޮށް ބޭނުންކުރާ ޕްލެޓްފޯމެކެވެ.

ދިވެހިންވެސް ފުރަތަމަ ޓިކްޓޮކް ބޭނުންކުރަން ފެށީ އެކި ކަހަލަ ފަންނުތައް ދައްކާށެވެ. އެއްބަޔަކު ނަށަނީ އެވެ. އަނެއްބަޔަކު ޑްރާމާ ކުޅެ ލަވަ ކިޔަނީއެވެ.

މި ޕްލެޓްފޯމުން ތައާރަފުވި ބައެއް ކުދިން މިހާރު ތިބީ މުނިފޫހިފިލުމުވުމުގެ ދާއިރާގެ އެންމެ އުހުގައެވެ. އެކަމަކު މި އީރާވެސް ނިމިއްޖެއެވެ.

މިހާރު ޓިކްޓޮކަކީ އަވައްޓެރިންނާ ޒުވާބު ކޮށްލައި، މީހުންގެ ވާހަކަ ދައްކަން ދިވެހިން ބޭނުންކޮށް އުޅޭ ޕްލެޓްފޯމަކަށް ވެއްޖެއެވެ.

އިއްޔެ ޓިކްޓޮކް ފޮ ޔޫ ޕޭޖު ބަލަމުން ދަނިކޮށް ފެނުނީ ދެމަފިރިއަކު ޒުވާބު ކުރަނިކޮށެވެ. ވެގެން މިއުޅޭ ގޮތެއް ބަލައިލަން އެ ލައިވްއަށް ވަދެލީމެވެ. ފިރިމީހާ ދައްކަމުން ދިޔައީ ވެލިދޫ ކޮންމެވެސް ފިރިހެނަކާ އޭނާގެ އަންހެނުން ގުޅުން ބާއްވަން ހިތްހަމަ ނުޖެހޭ ކަމަށެވެ.

އަދި ފިރިމީހާގެ ހައިސިއްޔަތުން ބުނަންޖެހޭ އެތި ބުނެ އެކަން މުޅިން ހުއްޓައިލަން ފިރިމީހާ ބުނެއެވެ. ޖަވާބުގައި އަންހެން މީހާ ރުޅިގަދަވެފައި ބުނަނީ "ރަމީޒޫ އާދެބަލަ މަ މަރާލަން ކަރުގަ ހިފާފަ" މިހެންނެވެ.

ވެގެން އުޅޭ ގޮތެއް ސާފު ނުވެގެން އިރުކޮޅަކު އިނީމެވެ. ޝައުގުވެރިވީ ދެމަފިރިއަކު ޒުވާބު ކުރާތީއެއް ނޫނެވެ. އެކަމަކު އެ ކުރަމުންދިޔަ ޒުވާބުގެ ތެރޭގައި ދެމަފިރިންގެ ދެމެދުގައި ހިނގައިގޮސްފައިވާ އަމިއްލަ އެތައް ވާހަކަތަކެއް އާންމުކޮށް ކިޔައިދެމުން ދިޔައީމައެވެ. އިރުތަކެއް ފަހުން އަންހެން މީހާ ރުޅި ގަދަވެގެން ފިރިމީހާ އެލައިވްއިން ބޭރުކޮށްލައިފިއެވެ. ދެން އެތައް ގަޑިއިރެއް ވަންދެން ދިޔައީ ފިރިމީހާގެ ކިބައިގައި ހުރި ހިތްހަމަނުޖެހޭ ކަންކަމުގެ ވާހަކަ ދައްކަމުންނެވެ.

މިލައިވް ނިމެންދެން ބަލާކަށް ނީނދެވުނެވެ. އެހެންވެ ދެން ބަލައިލީ މިދެމަފިރިންގެ ނަން ސާޗްކޮށްފައި އަންނަ ޓިކްޓޮކް ވީޑިއޯތަކަށެވެ. އެހެން ހޯދަމުން ދަނިކޮށް އައިޑީއެއް އަތުވެއްޖެއެވެ. އެއަޑީއަށް ވަދެލިއިރު ކަމަކު ދާކަށް ނެތެވެ. އެދެމަފިރިންނޭ ކިޔައިގެން ހުތުރު އެތައް ވާހަކައެއް ލިޔެފައި ހުއްޓެވެ. އެވަރުން ނުވެގެން އަންހެން މީހާކު ކުޑަ ދެ ކުދިންނާ ގުޅޭގޮތުންވެސް ދައްކަން ނުޖެހޭ އަދި ކުޑަކުދިންގެ ކަރާމަތަށް އުނިކަން ލިބޭފަދަ ވާހަކަތަކާއި ފޮޓޯތައް ޕޯސްޓުކޮށްފައި ހުއްޓެވެ. މީގެ ކުރިން އެއް ފަހަރެއްގައި މައްސަލަ ޖެހިގެން ފިރިހެން މީހާ އޭނާގެ އަންހެނުންނާ ގުޅުވައި މުޑުދާރު ވާހަކަތަކެއް ދައްކާފައި ހުރި ވީޑިއޯތަކެއްވެސް އޭގައި އާންމުކޮށްފައި ހުއްޓެވެ.

ޓިކްޓޮކްގައި މި ވާނުވާ އިތުރަށް ބަލައިލީމެވެ. އެހެން ދަނިކޮށް ހަމަ އެގަޑީގައި އެހެން ލައިވްއެއްވެސް ފެނިއްޖެ އެވެ. އަންހެނަކު ރޮނީއެވެ. އޭނާ ދައްކަމުން ދިޔައީ ފިރިމީހާ އަނިޔާ ކުރި ވާހަކައެވެ. އަދި ވަރި ކުރުމަށްފަހު ޓިކްޓޮކް ލައިވްތަކުގައި އޭނާއާއި ގުޅުވައި ފިރިހެން މީހާ ދޮގު ވާހަކަ ފަތުރާ ވާހަކައެވެ. މި އަންހެން މީހާގެ ފަސް މަހުގެ ކުޑަ ކުއްޖަކުވެސް އޮވެއެވެ. އެކުއްޖާވެސް ލައިވްގައި އާންމުންނަށް ދައްކައެވެ. މިލައިވް ބަލާކަށްވެސް މާ ގިނައިރަކު ނީންނަމެވެ.

އާންމުކޮށް ދިވެހި ޓިކްޓޮކްތައް ނުފެންނާތީ މިކަންކަން ހިނގަމުން ދިޔަކަމެއް ނޭނގުނެވެ. އެހެންވެ އިތުރަށް ޝައުގުވެރިވިއެވެ. އަނެއްކާވެސް އެހެން އައިޑީއެއް ފެނިއްޖެ އެވެ. އޭގައި ހުރީ އެކި ލައިވްތަކުގެ ސްކްރީން ރެކޯޑިންތަކެއް ޕޯސްޓުކޮށްފައެވެ. ތިން އަންހެނަކު ޒުވާބު ކުރަނީއެވެ. ގޮވަނީ ހަޑި ހުތުރު އެއްޗެއްސެވެ. އެކަކު އަނެކަކާއި ގުޅޭގޮތުން ދައްކަނީ ދައްކަން ނުޖެހޭ ނުބައި ވާހަކަތަކެވެ. އެކި ކަހަލަ ތުހުމަތުތައް އެކަކު އަނެކަކަށް ކުރަމުން ދިޔައެވެ.

ޓިކްޓޮކްގައި އެކްޓިވް ރައްޓެއްސަކާ ވާހަކަ ދެއްކީ ދެނެވެ. މިކަންކަން ހިނގަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ޓިކްޓޮކަކީ މެދު އުމުރުގެ މީހުން ޒުވާބު ކުރަން ގެންގުޅޭ ޕްލެޓްފޯމަކަށް ހަދައިފިއެވެ. އަނެއްކާ އަޖައިބު ކުރުވަނިވި ކަމަކީ މިގޮތަށް ޒުވާބު ކުރާ ކޮންމެ ލައިވްއެއް ބަަލަން ހާހުން މީހުން ތިބޭކަމެވެ. އޭގެ ތެރެއިން އެއްބަޔަކު އެކަމަށް ހިތްވަރު ދޭއިރު އަނެއް ބަޔަކު ހުއްޓައިލަން ގޮވައެވެ. އެހެންނަމަވެސް ޒާތީ މައުލޫމާތުތަކާއިއެކު އެންމެން ކުރިމަތީގައި ބަޔަކު ދަނީ ބޭޒާރުވަމުންނެވެ.

ރާއްޖޭގައި ސައިބާ ކްރައިމްއަށް ހަރުކަށި ގާނޫނެއް އަދިވެސް ނޯވެއެވެ. އެހެންނަމަވެސް ފުލުހުންގެ މުއައްސަސާގައި ސައިބާ ކްރައިމްއަށް ހާއްސަ ޑިޕާޓްމެންޓެއް އޮވެއެވެ. ޓިކްޓޮކްގައި މިހިނގާ ކަންކަމާއި ގުޅިގެން ބައެއް މައްސަލަތައް ފުލުހަށް ހުށަހެޅިކަން ވަނީ އެނގިފައެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރު އެއްވެސްކަމެއް ބަލައި ނިންމައިފައެއް ނުވެއެވެ.

މިހާރު އުމުރުން 12 އަހަރުގެ ކުއްޖާވެސް ފޯނު ގެންގުޅެ އެވެ. ޓިކްޓޮކްއަށްވެސް ވަދެ ހަދާނެތާއެވެ. އިއްޔެ މިފެނުނު މަންޒަރުތައް ކުޑަ ކުދިންނަށް ފެންނަނަމަ އެކުދިންނަށް ކުރާނެ ނޭދެވޭ އަސަރާއިމެދު ވިސްނައިލާށެވެ. އެނގެން ނުޖެހޭ އެތައް ބަހެއް، އަދި ނުބައި އެތައް ކަމެއްގެ މައުލޫމާތު އެކުދިންނަށް ލިބޭނެއެވެ. މިކަން ހުއްޓުވަން އެބަ ޖެހެ އެވެ. އެހެން ނޫންނަމަ ކުރިއަށް އޮތްތަނުގައި ބޮއްސުން ލައިގެން ހިނގައިދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!