ރިޕޯޓް

ކެންސަރާއި ހަނގުރާމަ ކުރަމުން އަންނަ ދަރިފުޅަށްޓަކައި، ބައްޕައަށް މަޖުބޫރުވީ ވަޒީފާ ދޫކޮށްލަން

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ހޫދު އާއި އޭނާގެ ބައްޕަ

ޝައްކެއް ނެތެވެ. ދަރިންނަކީ މި ފަނާވަނިވި ދުނިޔޭގެ އެންމެ ބޮޑު ޒީނަތެވެ. ދުނިޔެ މަތީގައި އިންސާނުންނަށް މާާތް ރަސްކަލާނގެ ދެއްވާ އެންމެ އަގުހުރި އެއް ނިޢުމަތެވެ.

Ads by STELCO

ދަރިޔަކާ ދިމާއަށްމީހަކު ނުރުހުމުގެ ލޮލަކުން ބަލައިލިޔަސް، މައިންބަފައިންގެ ހިތަށް ނުތަނަސްކަން ވެރި ކުރުވައެވެ.

ވީއިރު، ދަރިއަކު ބައްޔެއްގެ ވޭނުގައި އުޅޭ މަންޒަރު ބަލަން، މަންމަ އަކާއި ބައްޕައެއްގެ ހިތަށް ކެތްވާނީ ކޮންފަދައަކުން ހެއްޔެވެ؟

ލޯބި ލޯބި އިސްމާޢީލް ހޫދު ލައްސާނަކީ، އޭނާގެ މަންމަ އާއި ބައްޕަގެ ވެސް ދެ ލޮލުގެ ފިނިކަމެވެ. އުމުރުން އެންމެ ދެ އަހަރާއި 10 މަހުގައި ހޫދާއި އޭނާގެ ޢާއިލާއަށް ފުން ހިތާމައެއް ލިބުނީ، ހޫދަށް ލޭގެ ކެންސަރު ޖެހިފައިވާކަން އެނގުނު ހިސާބުންނެވެ.

ޢާއިލާ އާއިއެކުގައި ލ.ގަމުގައި ދިރިއުޅެމުން އަންނަ ހޫދުގެ އުމުރުން ހަތަރު އަހަރުވީއިރު، އޭނާ އަދިވެސް އަންނަނީ  އެ ބައްޔާ ހަނގުރާމަ ކުރަމުންނެވެ. ކޮންމެ ތިން މަހަކުން އެއް މަހު، އިންޑިއާއަށް ފަރުވާ ހޯދަން ދާާން ވެސް ޖެހެއެވެ.

ކެންސަރާ ދެކޮޅަށް ކުރާ ހަނގުރާމައިގައި، ކުޑަ ކުޑަ ހޫދަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ އޭނާގެ މަންމަ އާއި ބައްޕަގެ ފަރާތުންނެވެ.

މިފަދަ ބައްޔަކާއި ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނައިރު، ނަފްސާނީ ދުޅަހެޔޮކަމާއި، މާޔޫސްކަން ނުވަތަ ޑިޕްރެޝަން ފަދަ ބައްޔެއް ކުރިމަތި ވެއްޖެނަމަ، ފަރުވާއަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. ހޫދުގެ ޑޮކްޓަރު ވެސް މިކަން ފާހަގަ ކުރައްވައެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، ހޫދު އުފަލުން ހުރުމަކީ އޭނާގެ "ރިކަވަރީ" އަށް ކޮންމެހެން ވެސް ބޭނުންތެރި ކަމެކެވެ.

ޑޮކްޓަރުންގެ ލަފަޔާއިއެކުގައި، ހޫދުގެ ބައްޕަ އަޙުމަދު ލައްސާން ކަންތައް ކުރީ، ކޮންމެ ބައްޕައަކުވެސް ޢަމަލު ކުރާނެ ގޮތަށެވެ. އޭނާ މަސައްކަތް ކުރަމުން އައީ އިމިގްރޭޝަނުގައެވެ. ލައްސާންގެ މައިގަނޑު ހުރިހައި މަސައްކަތެއް ގޭގައި ހުރެގެން، ކޮމްޕިއުޓަރުން ވެސް ކުރެވިދާނެއެވެ. އެއީ އޭނާ މަސައްކަތް ކުރަމުން އައީ އިމިގްރޭޝަންގެ ޑޭޓާއާއި ބެހޭ ބައިގައި ކަމަށް ވާތީއެވެ. އެހެންވެ، ދަރިފުޅު ކައިރީގައި ހުރެގެން މަސައްކަތް ކުރެވޭނެ ގޮތެއް ވޭތޯ ލައްސާން މަސައްކަތް ކުރިއެވެ.

އިމިގްރޭޝަނުން، މިކަމުގައި ލައްސާނަށް އެއްބާރުލުން ދީ، އޭނާއަށް ހޫދު ކައިރީގައި، ގޭގައި ހުރެގެން ވަޒީފާ އަދާ ކުރެވޭނެ ގޮތް ހަމަޖައްސައިދެވޭތޯ ބެލިއެވެ. އެކަމަށް އެދި، ސިވިލް ސަރވިސް ކޮމިޝަން(ސީ.އެސް.ސީ) އަށް ލިޔުން ފޮނުވުމުން، އެ ކޮމިޝަނުން އެ ލުއި ދޭން ހެދީ ދެކޮޅެވެ.

ދެން ހޫދުގެ ބައްޕައަށް މަޖުބޫރުވީ، ހޫދަށްޓަކައި، އުނދަގޫ ނިންމުމެއް ނިންމާށެވެ. އޭނާ ޢާއިލާ ބަލަހައްޓަން އަދާ ކުރަމުން އައި ވަޒީފާ ދޫކޮށްލީއެވެ. އިތުރު އެހެން ގޮތެއް ނެތުމުންނެވެ.

ހޫދުގެ ޢާއިލާއަށް މިކަމުގެ ތެރޭގައި އެތައް އުނދަގުލަކާއި ވޭނެއް މިވަނީ ތަޙައްމަލު ކުރަން ޖެހިފައެވެ. ހޫދުގެ ބައްޕަ ލައްސާނަކީ 20 އަހަރު އިމިގްރޭޝަނުގައި މަސައްކަތް ކުރި ހީވާގި މުވައްޒަފެއް ކަމުގައި ވިޔަސް، އޭނާ ކުރި ބުރަ، އަދި މިންނެތް މަސައްކަތާއިއެކުގައި ވެސް، ކުޑަ ދަރިފުޅުގެ ވޭނީ ބައްޔަކާއި ހަނގުރާމަ ކުރާއިރު، ގާތުގައި ހުންނަން ބޭނުންވުމުން، މި ޖެހުނީ ވަޒީފާ ދޫކޮށްލާށެވެ.

އޭނާއަށް "ޕެއިޑް ލީވް"އެއް ނުދިންއިރު، ގޭގައި ހުރެ، މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ނުދިނީ "އުސޫލުގައި ނެތް" ކަމެއް ކަމަށް ބުނެއެވެ.

ކެންސަރާއި ހަނގުރާމަ ކުރަމުން އަންނަ ހޫދު

 

"ދެން" އާ ވާހަކަ ދައްކަމުން ހޫދުގެ މަންމަ އައިމިނަތު ފަޒްލާ ޢަބްދުއްރައްޒާޤު ބުނީ، ހޫދުގެ ބައްޕައަށް އެހެން ކައިވެންޏަކަށް ލިބިފައިވާ ދެ ކުދިންނާއެކު ޖުމްލަ ފަސް ކުދިން ތިބޭއިރު، ނޯ ޕޭ ލީވް ނަގައިގެން، މާލީ ދަތި ކަމުގައި، އެހެން މަސައްކަތެއް ވެސް ކުރެވޭނެ ގޮތެއް ނެތި، އަބަދު ނޯ ޕޭގައި ހުރުމަކީ ކުރެވެން އޮތް ކަމެއް ނޫން ކަމުގައިވާތީ، ލައްސާނަށް ވަޒީފާ ދޫކޮށްލަން ޖެހުނީ ކަމުގައެވެ.

"ނޯ ޕޭއެއް ދެވިދާނެއޭ ބުނީ، އެކަމަކު ކުޑަ ކުއްޖަކަށް ކެންސަރު ޖެހުނީމަ، އެއީ ވަރަށް ތަފާތު ކޭސްއެއް. މައިންބަފައިންގެ އަޅާލުން ދޭން ޖެހޭ އެހެން ކުދިން ވެސް ތިބޭނެ ނޫންތޯ؟"

އިމިގްރޭޝަނުން ދިން ނޯ ޕޭ ލީވް ނިމުމުން، ހޫދުގެ ބައްޕަ ވަޒީފާ އަދާ ކުރަން މާލެ އައެވެ. ނަމަވެސް އޭގެ ފަހުން، ކުޑަ ކުޑަ ހޫދުގެ ޙާލަތު ގޯސްވާން ފެށީއެވެ. ބައްޕަ އާއި ވަކިން، ކެންސަރާއި ކުރިމަތިލުމުގެ ހިތްވަރު، އެ ކުޑަ ކުޑަ ހޫދަކަށް ނުލިބުނެވެ.

ގަމުގައި ޓީޗަރެއްގެ ވަޒީފާ އަދާ ކުރަމުން އަަންނަ ފަޒްލާ ބުނިގޮތުގައި، މި ވާހަކަ ދައްކަން ބޭނުންވީ، މިފަދަ ކަންކަން ކުރިމަތިވެފައިވާ އެހެން ކުދިންނާއި މައިންބަފައިންނަށް ކުރިއަށް އޮތްތަނުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދެވޭތޯއެވެ.

ބަލި ކުދިން ގޮވައިގެން، ބޭރުގެ އެކި ޤައިމުތަކުގައި، މާލީ ދަތިކަމުގައި ދިވެހީން އުޅެމުން އަންނަ ޙާލު ފަޒްލާއަށް ވަނީ ފެނިފައެވެ.

"އެހެން ޢާއިލާތަކަށް އެހީވުމަށް ކުރެވެން ހުރި ކަމެއް ކުރަން ބޭނުން." ފަޒްލާ ބުންޏެވެ.

ހޫދުގެ ބައްޕަ 17 މަސް ދުވަސް ނޯ ޕޭ ލީވްގައި، ދަރިފުޅަށްޓަކައި ހުއްޓެވެ.

އޭނާގެ މަސައްކަތް ގެއިން ކުރެވެން އޮތްއިރު، އެކަން ހަމަޖައްސައި ދިންނަމަ، ބޮޑު ޢާއިލާއަކަށް އެ ކޮށްދެވެނީ ކިހައި ބޮޑު ކަމެެއް ހެއްޔެވެ؟ މިފަދަ ޙާލާތެއް ދިމާ ވުމުން، ފުލުހުންނާއި ސިފައިންނަށް ދެ ތިން އަހަރުގެ ޕެއިޑް ލީވް ދެވޭ އުސޫލެއް އޮންނައިރު، ބޮޑެތި ބަލިތައް ޖެހުމުން، އެކަމާ އެކަނި ކުރިމަތި ނުލެވޭވަރުގެ ކުޑަ ކުދިންނަށްޓަކައި، އެކުދިންގެ މައިންބަފައިންނަށް މި އުސޫލު ބަދަލު ނުކުރެވެންވީ ސަބަބެއް ނެތެވެ. ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މީހުންނަކީ ވެސް ޤައުމަށް ނުހަނު ޚިދުމަތް ކުރާ ބަޔަކަށް ވީހިނދު، މިވަރުގެ ބޮޑު ކަންކަމުގައި ލުޔެއް ދެވޭނެ ގޮތެއް ހަމަ ނެތީ ހެއްޔެވެ؟

ު

 

Ads by Ooredoo
  1. ހުފުރާ

    ގައުމެއ މިއޮތި

  2. އުސްތާޛް ޒަކީ

    ވަރަށް ދެރަވެއްޖެ ހަމަ ރޮވިއްޖެ. އުޞޫލުތަކުގެ ތެރެއިން މިވަރުގެ ކަމެއް ހަމަޖައްސައި ނުދެވުމުން ކޮބައިތޯ ތިޔަ އުޞޫލެއްގެ ބޭނުން؟ ކޮބައިތޯ މަޤްޞަދަކީ؟ ޝަފާކަ ﷲ

  3. ޔަގުދީފު

    ސިފައިންގެ ގޮތެއް ނޭނގެ. ހަމަ ގައިމުވެސް ޕޮލިހުންނަކަށް 02 އަހަރު 03 އަހަރުގެ ޕޭލީވެއް ނުލިބޭ.ބޮޑެތި ކަންކަމާއި ގުޅިގެން02 މަސްުދުވަހުގެ ޕޭލީވެއް ލިބޭ. ދެން ޖެހެނީ ނޯޕޭ ލީވް ނަގަން. ހަބަރު ލިޔާއިރު ރަނގަޅަށް މަޢުލޫމާތު އޮޅުންފިލުވުމަށްފަހު ލިޔުން ވަރަށް މުހިންމު. ހުރިހާ އޮފީސްތަކުގައިވެސް ތިފަދަ ކަންކމުގައި ދިގުމުއްދަތަކަށް ޕޭލީވް ލިބޭނެ ގޮތެއް އޮތުން ވަރަށް މުހިންމު. ސާރުކާރުންްވެސް މިކަމާއި މެދު ފުންކޮށް ވިސްނުމަށް ގޮވާލަން…

  4. މިގައުމުގައި އޮންނާނީ ބޮޑު ކާށި ކުޑަ ކާށި އުސޫލު

  5. ޢަބްދުﷲސައީދު

    ޔާﷲމިކުޑަތުއްތު ކުއަޖާއަށް އިﷲގެ ތަނަވަސް ސިފާއިންބައްޔަ ސިފާދެއްވަވާދޭ އިބަﷲއީ އެއްވެސްތަފާތުކުރުމެއްނުވާ އެއްވެސް މަހުލޫގަކަށް އަނިޔާވެރިވުމެނުދެއްވަވާ ގަދަކީރިތިވަންތަ ރަހުމާންވަންތައް ރަހީމްވަންތައްﷲ އަޅަމެންދުނިޔެއަށްއައުމާނިމިދިއުންވަނީ އިބަﷲހުގެ ގުދުތެއްތެރިކަމުގެދަށުގައި

  6. ސިވިލް އަށް ޚިދުމަތް ކުރުމަކީ ބޭކާރު ކަމެއް
    ބުރަކޮށް މަސައްކަތް ކުރަން ޖެހެނީ ކުޑަ މުސާރަ އެއް ލިބޭނީ. ބަލައި ގަންނަ ބަޔަކު ނޫޅޭ. 20 އަހަރު ނޫން 100 އަހަރު ޚިދުމަތް ކުރިޔަސް ބޭކާރު

  7. ސަލީމް

    މިޒަމާނަކީ ފިޒިކަލީ އޮފީހަށް ހާޒިރު ނުވިޔަސް ދުރުގައި ހުރެ ވެސް މަސައްކަތް ކުރެވޭ ޒަމާން. ވީއިރު އެކަން ހަމަޖައްސައި ނުދިނުމަކީ، ކަންކަމުގައި ގޮތް ނިންމާން ތިބީ ބޯދާ ވިސްނުމުގެ މީހުންކަން ސާބިތުވާ ކަމެއް. ޒަމާނީ ހެދުން އެޅިޔަސް ތިޔަ މީހުންގެ ސިކުނޑި ގަބު، ވިސްނުން ބޯދާ.

  8. އުސޫލްތައް އަވަހަށް ބަދަލު ކުރުމަށް ގޮވާލަން! ފައިދާ ތިޔަ އުސޫލްތައް ބަލަހައްޓާ ލިޔެހަދާ އެންމެނަށްވެސް ކުރާނެކަން ޔަގީން!