ހޮޑު ރޯގާ ޖެހިގެން އިއްޔެ ހާހަކަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދެއްކި

ހޮޑުލައި ބޭރަށްހިންގުން ޖެހިގެން އިއްޔެ ހާހަކަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކައިފައިވާކަމަށް ހޮސްޕިޓަލްތަކުގެ ރިކޯޑު ތަކުން ދައްކައިފިއެވެ.
މިގޮތުން ބަލާލާއިރު ބޭރަށްހިންގުމާއި ހޮޑުލުން ޖެހިގެން އިއްޔެ އޭޑީކޭ ހޮސްޕިޓަލަށް 296 މީހުން ދައްކާފައިވާއިރު އައިޖީއެމްއެޗުން ބުނީ އެ ބަލީގައި އިއްޔެ އެ ހޮސްޕިޓަލަށް ދެއްކި މީހުންގެ އަދަދު 500 އަށް އަރާ ކަމަށާއި މިއަދު މިހާތަނަށް 170 މީހަކު ދައްކާފައިވާ ކަމަށެވެ. މީގެ އިތުރުން ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިގެން އިއްޔެ 257 މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ދައްކާފައިވާކަމަށް އެހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ހަމައެހެންމެ މި ރޯގާ ޖެހިގެން ސެނަހިޔާ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލަށްވެސް ވަނީ ގިނަ އަދަދެއްގެ މީހުން ދައްކާފައެވެ.
މިހާރު މާލޭގައި ފެތުރެމުންދާ ހޮނޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯ ވައިރަސް ކަމަށް, އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެޗްޕީއޭއިން ވިދާޅުވީ, މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަށާއި, ޚާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.