ޚަބަރު ސިއްޙަތު

ސަމާލުވޭ! ކުޑަކުދިންނަށް ދޭ ސިރަޕެއްގައި، ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ދުނިޔޭގެ ސިއްހަތު ޖަމިއްޔާ

ކުޑަކުދިންނަށް ދޭ ސިރަޕެއްގައި ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެފަދަ ނުރައްކާތެރި މާއްދާއެއް ހިމެނޭތީ، ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.

Ads by Hajj Corporation

އެ އޮތޯރިޓީން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަށް ދޭ ސިރަޕްތަކުގައި "ޑައިތްލީން ގްލައިކޯލް އެންޑް އެތްލީން ގްލައިކޯލް" ނަމަކަށް ކިޔާ ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެލާޓް ކޮށްފައިވާކަމަށެވެ.

މީގެ ކުރިންވެސް އެ އޮތޯރިޓީގެ ފަރާތުން 4 އެލާޓްއެއް އެކަމާއި ގުޅިގެން ނެރެފައިވާކަމަށާއި މިފަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެލާޓް ނެރެފައި ވަނީ އިނގިރޭސިވިލާތުގެ ފްރޭކެން އިންޓަނޭޝަނަލްއިން އުފައްދައި، ކެމަރޫންގައި ދައުރުވަމުންދާ 'ނޭޗާކޯލްޑް' ކިޔާ ސިރަޕަކާ ގުޅިގެން ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

އެއީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯރޓް ވުމުގެ ފުރުސަތު އޮތްކަމަށް ވާތީ، މިކަމަށް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އިމްޕޯޓް ކުރާ ބޭސް ޚާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދީފައިވެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވެލައްވާނަމަ، އެމްއެފްޑީއޭގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުމަށް އެ އޮތޯރިޓީން ނެރުނު އިޢުލާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!