އީވާގެ ދަރިފުޅުގެ ފޮޓޯ ޓްވީޓްކޮށް, ބިރުދެއްކި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުاللهގެ ދަރިފުޅުގެ ފޮޓޯ ޓްވީޓްކޮށް, ބިރުދެއްކި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ, އީވާގެ ދަރިފުޅުގެ ފޮޓޯ ޓްވިޓަރގައި ބޭނުންކޮށްގެން އީވާއަށް ބިރު ދައްކާ މައްސަލައެއްގައި, ތުހުމަތު ކުރެވޭ މީހަކު މިރޭ 22:34ގައި ކޯޓު އަމުރަކާއެކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޓްވިޓަރގައި އީވާގެ 17 އަހަރުގެ ދަރިފުޅުގެ ފޮޓޯއާއި ނަން ބޭނުންކޮށްގެން މީހަކު ވަނީ މިދޭތެރެއިން ޓްވީޓް ކޮށްފައެވެ. މިކަމާ ގުޅިގެން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އީވާ މީގެ ކުރިން ވިދާޅުވިއެވެ. އީވާގެ ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއެއް ޓްވީޓް ކުރަމުން އެ އެކައުންޓުން ބުނެފައިވަނީ ވައްކަންކޮށްގެން ލިބޭ ލާރިން މުޅި އާއިލާ ގޮވައިގެން ދުނިޔެ ވަށާ ބުރު ޖަހާ ކަމަށެވެ.
އެކަމާ ގުޅިިގެން އީވާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސިޔާސީ ގޮތުން ކިތަންމެ ވަރަކަށް ޖެއްސުން ކުރިޔަސް އެކަމާ އެއްޗެއް ނުބުނާނެ ކަމަށާއި, ނަމަވެސް 18 އަހަރު ނުފުރޭ ދަރިފުޅަށް ގޯނާ ކުރުން ބަލައި ނުގަނެވޭނެ ކަމަށެވެ. އެގޮތުން ދަރިފުޅުގެ ފޮޓޯ ބޭނުން ކުރުމަކީ ޝަޙްސު އޮޅުވާލުން ކަމަށާއި އެއީ ދެވޭ ގޯނާއެއް ކަމަށް އީވާ ވިދާޅުވެފައިވެއެވެ.
އީވާގެ ދަރިފުޅުގެ ފޮޓޯ ބޭނުންކުރި މީހަކު ހައްޔަރުކޮށްފައިވާއިރު, ޓްވިޓަރގައި "ހަސަން ކުރުސީ"ގެ ނަމުގައި ހިންގަމުން އަންނަ ހޭންޑަލްގެ ވެރި ފަރާތެއް ހޯދުމަށް ރައީސް ނަޝީދު އެދިވަޑައިގަތުމުން, އެ މީހަކު ހޯދުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.