ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އިންޒާރުދީ ބިރު ދެއްކުން ކުށްވެރިކޮށް، އެ މައްސަލަ ބެލުމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ގޮވާލައިފިއެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑރ. މުއިއްޒުގެ އަނބިކަލުންގެ ފޯނަށް ކާކުކަން ނޭނގޭ، ރާއްޖެއިން ބޭރުގެ ނަމްބަރަކުން މެސެޖުކޮށް ޑރ. މުއިއްޒަށް ހަމަލާދޭނެކަމަށް ބުނެ ބިރު ދައްކާ މަރުގެ އިންޒާރު ދީފައިވާކަމަށެވެ.
އަދި އެ މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެފަދަ ނާތަހުޒީބު ދަށު ދަރަޖައިގެ ފިނޑި އަމަލުތަކުން އެ ކޯލިޝަނުގެ ލީޑާޝިޕްގައި ބައިބައި ކުރެވިދާނެކަމަށް ހީކުރުމަކީ އެކަން ކުރާ ބަޔަކަށް ކުރެވޭ ކުށްހީއެއްކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ކޯލިޝަންގެ ލީޑާޝިޕްވެސް އަދި ސެނެޓްވެސް މަސައްކަތް ކުރާނީ އެފަދަ ބިރު ދެއްކުންތަކާއި އިންޒާރުތަކަށް ބެލުމެއް ނެތި އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަދި ލީޑަރު ޕީޕީއެމްގެ ރައީސް ރައީސް ޔާމީން އަބްދުލްޤަޔޫމްއަށް ސަރުކާރުން ކުރަމުން ގެންދާ އަނިޔާތަކުން އެމަނިކުފާނު މިންޖުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށް ދިނުމުގައި އެކަތިގަނޑެއްގެ ގޮތުގައިކަމަށެވެ.
އެހެންކަމުން ޑރ. މުޢިއްޒުގެ އަނބިކަނބަލުންގެ ފޯނަށް އިންޒާރުދީ މެސެޖުކުރި ފަރާތެއް ހޯދައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅު އެޅުމަށް އެ ކޯލިޝަނުން ވަނީ ފުލުހުންނަށް ގޮވައިލައިފައެވެ.