ޚަބަރު ސިޔާސީ

ރައީސް ޞާލިހުގެ ރަނިން މޭޓުކަމަށް ތިން ނަމެއް، ވާދަވެރިކަން ބޮޑު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އަންނަ މަހު 9 ގައި ބާއްވަން ތައްޔާރުވަމުންދާ ރިޔާސީ އިންތިހާބަށް އެންމެ ފޯރިއާއިއެކު ވަރުގަދަ ކެމްޕެއިންތަކެއް ކުރަމުންދަނީ އެމްޑީޕީންނެވެ. އެޕާޓީގެ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ޞާލިހާއިއެކު ކޯލިޝަން ޕާޓީތަކުގެ އިސް ބޭފުޅުންވެސް ގެންދަވަނީ ރަށްރަށަށް ދަތުރު ކުރައްވަމުންނެވެ. ކެނޑިޑެންސީ ފޯމު ހުށަހެޅުމަށް ފަސް ދުވަސް ބާކީ އޮތް އިރު ރައީސް ޞާލިހުގެ ރަނިން މޭޓެއް އަދިވެސް މުޅިން ނުނިންމެއެވެ.

Ads by Sosun Fihaara

ވާހަކަ ދެކެވޭ ގޮތުންނަމަ ރަނިން މޭޓުކަމަށް ތިން ބޭފުޅެއްގެ ނަން ވަނީ އައިސްފައެވެ. އެމްޑީޕީގެ އެތެރެއިން ރައީސް ޞާލިހަށް ހުށަހަޅާފައިވަނީ ދެނަމެކެވެ. އެއީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ނަމެވެ. މި ދެ ބޭފުޅުންނަކީވެސް ސިޔާސީ ގޮތުން އެމްޑީޕީ ތެރޭގައި ނުފޫޒު ގަދަ ދެބޭފުޅުންނެވެ. ދެބޭފުޅުންގެ ވަކި ދެ ޓީމެއް އެމްޑީޕީގެ އެތެރޭގައި އޮތުމާއިއެކު ރައީސް ޞާލިހަށް ދިޔައީ ޕްރެޝަރުތަކެއް ކުރިމަތިވަމުންނެވެ. ރަނިން މޭޓެއް އިއުލާން ނުކޮށް ލަސްކުރަނީ މިހެންވެގެން ކަމަށް ލަފާކުރެވެއެވެ.

އެމްޑީޕީ އެތެރޭގައި އިތުރު ބައިބައިވުމަކަށް ޖާގަ ނުދިނުމަށް ރައީސް ޞާލިހު ނިންމެވީ މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް އާއިއެކު މިފަހަރުވެސް ކުރިއަށްދާާށެވެ.

އެހެންވެ ރަނިން މޭޓުގެ ގޮތުގައި ފައިސަލްގެ ނަން އިއުލާން ކުރައްވަން ރައީސް ނިންމެވިކަމަށް ވެއެވެ. އެހެންނަމަވެސް ފިއްތުންތަކެއް ކުރިމަތިވުމާއިއެކު އަނެއްކާވެސް އެކަން މަޑުޖެހުނީއެވެ. ބެލެވޭ ގޮތުގައި މި ސަރުކާރަށް އެތައް އެހީތެރިކަމެއް ފޯރުކޮށްދޭ އިންޑިއާއިން ބޭނުންވަނީ ޝާހިދު ރަނިންމޭޓަށް ވެވަޑައިގަންނަވާށެވެ. އެހެންނަމަވެސް ޕާޓީގެ ލީޑަޝިޕްގެ ބޮޑު ބައެއް އޮތީ އަސްލަމަށް ރަނިން މޭޓުކަން ދިނުމާއި އެއްކޮޅަށްކަމަށް ވާހަކަ ދެކެވެއެވެ.

ޝާހިދަކީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ބޭރުު ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ބޭފުޅެކެވެ. ތަޖުރިބާ ހުންނެވި ސިޔާސީ ގޮތުންވެސް އުރަތްޕެއް ހުންނެވި ބޭފުޅެކެވެ. ޑީއާރުޕީގައި ހުންނަވާފައި އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ފަހުން އެޕާޓީގެ މެމްބަރުންގެ ތެރޭގައިވެސް ބަސް ވިކޭ ބޭފުޅެކެވެ. ސަރުކާރު ތެރޭގައިވެސް ނުފޫޒު ގަދަ ބޭފުޅެކެވެ.

އަނެއްކޮޅުން އަސްލަމަކީ މާލެ ފިޔަވައި އެމްޑީޕީން އެންމެ ގިނަ ވޯޓު ހޯދާ އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރެކެވެ. އަސްލަމް މެމްބަރުކަން ކުރައްވާ ހިތަދޫގައި އެކަނިވެސް ވޯޓު ލުމުގެ ހައްގު ލިބިގެންވާ 12،000 އެއްހާ މީހުން އެބަ ތިއްބެވެ. އެހެންކަމުން އަސްލަމަކީ ވަރަށް ގިނަ ވޯޓެވެ. އަސްލަމަކީ ރައީސް ޞާލިހާއި ވަރަށް ގާތް ބޭފުޅެކެވެ. ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރައްވައި އެމަގާމަށް އަސްލަމް ގެނައުމަށް ރައީސް ޞާލިހު ތާއީދު ކުރައްވާކަމަށްވެސް މީގެ ކުރިން ވާހަކަ ދެކެވުނެވެ.

ރަނިންމޭޓަކު ކަނޑައެޅުމަށް ދަތިވެގެން އުޅުއްވާކަމަށް ރައީސް ޞާލިހުވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ވަރަށް ގިނަ ބޭފުޅުންގެ ނަންތައް އަންނަކަމަށާއި ގޮތެއް ނިންމާނީ އެންމެންގެ މަޝްވަރާއާއިއެކު ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ޑިމޮކްރެޓްސް އިން ވަނީ ރަނިން މޭޓެއް ކަނޑައަޅައިފައެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. މިއާއިއެކު އެމްޑީޕީންވެސް އަންހެން ރަނިން މޭޓެއް ނެރެފާނެކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ. އެގޮތުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ނަން ވަނީ ފެންމަތިވެފައެވެ. އެހެންނަމަވެސް އެމްޑީޕީ ލީޑަޝިޕްގެ ގިނަ ބޭފުޅުން ވިދާޅުވާ ގޮތުންނަމަ މިފަހަރު ރަނިން މޭޓަކަށް ވެވަޑައިގަންނަވާނީ ޝާހިދު ނުވަތަ އަސްލަމްއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!